ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު / ފައިލް ފޮޓޯ: ޓްވިޓާ

ޔާމީންގެ މަރުގެ މައްސަލަ ދެ ދުވަސްތެރޭ ނިންމޭނެ ކަމަށް ޕީޖީ ބުނުމުން ކްރިމިނަލް ކޯޓުން ރައްދު ދީފި

ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ދެދުވަސްތެރޭ ނިންމޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމުން ކްރިމިނަލް ކޯޓުން ރައްދު ދީފިއެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އިއްޔެ ޕީޖީ ޝަމީމް ވަނީ ޔާމީންގެ މައްސަލަ ދެ ދުވަސްތެރޭގައި ނިންމައި ހުކުމް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި ހުކުމް ކުރެވޭނެ ކަމަށް ޕީޖީ ޝަމީމް ޖުޑިޝަރީ ކޮމެޓީގައި ވިދާޅުވި ނަމަވެސް ކޯޓުން ޝަރީއަތްތައް ހިންގަން ޖެހެނީ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. މި މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށް ދިނުމަށް އެދި މަރު ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަކާ އެކު ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށާއި މައްސަލަ އަވަސްކޮށްދޭން ޕީޖީ އޮފީހުން ތަކުރާރުކޮށް ކޯޓަށް ސިޓީ ފޮނުވި ކަމަށާއި މައްސަލަ ކުރިއަށް ގެންދިއުމަށް ހާއްސަ ތާވަލެއް ކޯޓުން އެކުލަވާލައިފައި ނުވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި ވެއެވެ. މި ކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ މަރު ކޮމިޝަންގެ ސިޓީއަކާ އެކު އެއްވެސް ސިޓީއެއް ކޯޓަށް ލިބިފައި ނުވާ ކަމަށާއި ޕީޖީ އޮފީހުން ކޯޓަށް ސިޓީ ހުށަހަޅާފައި ވަނީ ދެ ފަހަރަކު ކަމަށެވެ. ހަމައެއާއެކު އެ މައްސަލާގައި މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ކުރިއަށް ދާނެ ގޮތުގެ ތާވަލެއް އެކުލަވާލައިފައި ވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ. މީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލައިގެ ޝަރީއަތް ނުބޭއްވި ގިނަ ދުވަސްވެފައި ވަނީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުން ބޭއްވި ދުވަހުވެސް ކޮވިޑްގެ ސަބަބުން ކޯޓަށް މީހުން ހާޒިރު ކުރަން ދަތިތަކެއްް ހުރިކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެއެވެ. އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި މިހާރު މި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ މައްސަލަ ބައްލަވާނެ ގޮތުގެ ތާވަލެއް ބަޔާން ކުރައްވާފައެވެ. އެ ގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހު ދިފާއީ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަޑުއެހުމެއް ތާވަލްކޮށްފައި ވާއިރު، އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލްކޮށް، ނޮވެމްބަރު 18 ވަނަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ވެސް ގާޒީ ވަނީ ނިންމަވާފައެވެ. އެއަށްފަހު ޑިސެމްބަރު 18 ވަނަ ދުވަހުގެ ކުރިން ދައުވާ ލިބޭ މީހުންނަށް ހުކުމް ކުރާނެ ކަމަށް ވެސް ގާޒީ ވަނީ ވިދާލުވެފައެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!