ކުޑަފަރީ ކައުންސިލާއި ރައްޔިތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ސަރަހައްދާއި މަގުތަކާއި ހޭޅިފަށުގައި ގަސް އިންދުން ހިމެނޭ -- ފޮޓޯ: ކުޑަފަރީ ކައުންސިލް

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުޑަފަރީން ތެދުވެއްޖެ، ބޭނުން ވަނީ ކުޑަ އެހީއެއް

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުގައި ވަނީ ދުނިޔެ ހޫނުވުމަށް މަގު ފަހި ކުރާ ގްރީން ހައުސް ގޭސް ޖައްވަށް ދޫ ކުރާ މިންވަރު މަދުކުރުމަށާއި ފޮސިލް ފިއުލް ބޭނުން ކުރުމާ ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރުމަށް ނިންމާފައެވެ. އެ ކުއްލި ހާލަތާ ގުޅިގެން ގައުމީ ފެންވަރުގައި ކުރާ މަސައްކަތުގެ އިތުރަށް، ރަށު ފެންވަރުގައިވެސް ފިޔަވަޅު އަޅަން ބައެއް ރަށްތަކުން ވަނީ އިސްނަގާފައެވެ. އެގޮތުން ނ. ކުޑަފަރީން ވަނީ ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކޮށް، މޫސުމީ ބަދަލަށް ހޭނި، މުސްތަގުބަލަށް ތައްޔާރުވުމަށްޓަކައި އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅާފައެވެ. ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާތަކަށް އޭގެ އަސަރުކޮށް، އެތައް ބަޔަކަށް އާމްދަނީ ލިބޭ މަގުތައް ބަންދުވެފައިވާ ކަމަށެވެ. އެހެންކަމުން މޫސުމީ ކާރިސާއާ ގުޅިގެން މިހާރު އަޅަން ޖެހިފައިވާ ފިޔަވަޅުތަކަކީ ކައުންސިލުންނާއި އަދި ރަށުގެ ރައްޔިތުން ގުޅިގެންވެސް، އެކަނި ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކަށް އިތުރު މާލީ އަދި ފަންނީ އެހީ ބޭނުންވާ ކަމަށެވެ. “މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރު ލިބިފަ ހުރި ގެއްލުންތަކާ ކުރިއަށް އޮތް ހާލަތަށް ތައްޔާރުވުމަށް މިޓިގޭޝަން މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވޭ. ކުރިއަށް އޮތް ހާލަތަކީ އަޅުގަނޑުމެންނަށް އެކަނި ކުރިމަތިލެވޭ ވަރުގެ ހާލަތެއް ނޫން. އެހެންވީމަ އެކަންކަމަށް ރަށްތައް ތައްޔާރު ކުރުމަށް، ކޮމިއުނިޓީތައް ރެޑީ ކުރުމަށް އަޅުގަނޑުމެންނަށް ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވޭ. ފައިނޭންޝަލް އަދި ޓެކްނިކަލް ސަޕޯޓުވެސް ބޭނުންވޭ،” ޝަމީމް ވިދާޅުވިއެވެ. ކުޑަފަރީ ކައުންސިލާއި ރައްޔިތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ސަރަހައްދާއި މަގުތަކާއި ހޭޅިފަށުގައި ގަސް އިންދުން ހިމެނޭ — ފޮޓޯ: ކުޑަފަރީ ކައުންސިލް ކުޑަފަރީ ކައުންސިލުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރާއްޖެއިން ގްރީން ހައުސް ގޭސްތައް ބޭރު ކުރާ މިންވަރު މަދުވި ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ސަލާމަތަށްޓަކައި މުޅި މުޖުތަމައުގެ އެންމެން ވެގެން، ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށް އިންޓަގަވާމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)އިން އަންގާފައިވެއެވެ. އެހެންކަމުން ކުޑަފަރީ ކައުންސިލުން ރަށުގެ ރައްޔިތުންނާ ގުޅިގެން ފަށާފައިވާ މަޝްރޫއެއްގެ ދަށުން މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވެއެވެ. އޭގެ ތެރޭގައި ބަނދަރު ސަރަހައްދުގަ އާއި މަގުތަކާއި ހޭޅިފަށުގައި ގަސް އިންދާ، ފެހި ކުރުން ހިމެނެއެވެ. އަދި ރަށުގައި ބައިސްކަލް ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށްޓަކައި ކުޑަފަރީ ސްކޫލާ ގުޅިގެން މަސައްކަތް ފަށާފައިވެއެވެ. މީގެ އިތުރުން ކައުންސިލް އޮފީހާއި އެފަދަ ސަރުކާރުގެ އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ކުޑަފަރީ ކައުންސިލުން އިއުލާންކޮށްފައިވާ މަޝްރޫއުގެ ދަށުން ދެން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރަށުގައި ގަސް އިންދުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، ރަށުގައި އިންދޭނެ ގަސްތަކުގެ ނާސަރީއެއް ހެދުން ހިމެނެއެވެ. އަދި ވާރޭ ފެން ކަނޑަށް ބޭރު ކުރުމުގެ ބަދަލުގައި އެ ފެން ބިމުގެ ފެން ފަށަލައަށް ފޭދި، ރަށުގެ ފެންފަށަލަ ދެމެހެއްޓެނިވި ގޮތަކަށް އިއާދަކޮށްދޭނެ ވިއުގައެއް ގާއިމު ކުރުން ހިމެނެއެވެ. ކުޑަފަރީ ކައުންސިލާއި ރައްޔިތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ސަރަހައްދާއި މަގުތަކާއި ހޭޅިފަށުގައި ގަސް އިންދުން ހިމެނޭ — ފޮޓޯ: ކުޑަފަރީ ކައުންސިލް ހަމަ އެހެންމެ، ކުޑަފަރީގައި ކަރަންޓު އުފެއްދުމަށްޓަކައި ފޮސިލް ފިއުލް ބޭނުން ކުރުން 2024ގެ ނިޔަލަށް ހުއްޓާލާ، ކަރަންޓު އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ނުވަތަ އެހެނިހެން އިއާދަކުރަނިވި ހަކަތަ މުޅިންވެސް ބޭނުން ކުރުން ހިމެނެއެވެ. އަދި އެ ރަށުގެ ފަރު ރައްކާތެރި ކުރުމަށާއި މުރަކަ އިންދުމަށް ހަރަކާތްތައް ބާއްވަންވެސް ކައުންސިލުން ނިންމާފައިވެއެވެ. މީގެ އިތުރުން ކުޑަފަރީ އަކީ ކުނީގެ ގޮތުގައި އުކާލާ ތަކެތި އަލުން ބޭނުންކޮށް، ޒީރޯ ވޭސްޓް ރަށަކަށް ހެދުމަށާއި ހަލާކުވާތަކެތި މަރާމާތުކޮށް، އަލުން ބޭނުން ކުރުމަށް މަގުފަހިކޮށްދޭނެ ކޮމިއުނިޓީ ވޯކްޝޮޕެއް ގާއިމު ކުރަން ކައުންސިލުން ބޭނުންވެއެވެ. އެ މަސައްކަތްތަކުގެ ތެރެއިން، އަންހެނުން ބާރުވެރިކުރުމަށް އިސްކަންދީ، ތިމާވެށްޓާ ރަށްޓެހި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި، ގެއްލުމުން އަރައިގަނެވޭ ފަދަ އިގުތިސާދީ ފުރުސަތުތައް މީހުންނަށް ހޯދައި ދިނުމުގެ މުހިއްމުކަންވެސް ކައުންސިލުން ފާހަގަ ކުރިއެވެ. ކުޑަފަރީ ކައުންސިލުން ވަނީ އެ ހުރިހާ މަސައްކަތަކަށްވެސް އެހީ ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލަށް އެކަން އަންގައި ދިނުމަށް އެދިފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!