ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ: ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކެންސަލް

އީސަގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ފަށަން މިއަދު ތާވްލަކުރި އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަލާމުގައި ހުންނެވުމުން ކަމަށެވެ. އީސަގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު 9:00 އަށެވެ. މީގެ ކުރިން ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރި އެވެ. އެފަހަރު ވެސް ކެންސަލްވީ ގާޒީ ސަލާމުގައި ހުރުމުންނެވެ.

އީސައަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކޮށްދޭން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހުގައި އެދުނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު އެެވެ.

ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަންބަރުގެ ދަށުން އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުމެވެ.

އީސަގެ ޝަރީއަތް ހިންގާ އިރު، އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ. އެކަމަކު މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަދި އަނިޔާތަކާ ގުޅިގެން އަސްރާ ވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯދާފަ އެވެ.

ގެވެށި އަނިޔާގެ މިމައްސަލަ އާއި ގުޅިގެން އީސަ ހައްޔަރު ކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމަރު ނެރެދީފައެއް ނުވެ އެވެ.

ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވިއިރު އޭނާއަކީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ. ނަމަވެސް އީސާ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅުމުން އޭނާ ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ބަޔާނެއް މެދުވެރިކޮށް ތުހުމަތުތަކަށް އިންކާރު ކުރައްވަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!