ކޮވިޑް ޖެހުނު 79،000 މީހުން ފަސޭހަވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 79،012 މީހަކު އެ ބަލީން ފަސޭހަ ވެއްޖެ އެވެ.

މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 80،960 މީހުންނެވެ. އޭގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 1،709 މީހެކެވެ. މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 17 މީހަކަށެވެ. މި ފަހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެއެވެ. އޭޕްރީލް ފަހުކޮޅުން ފެށިގެން ޖޫންގެ ކުރީ ހަފްތާއާ ހަމައަށް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ބަލި ޖެހުނު މީހުންގެ 60 އިންސައްތަ އަކީ އެ މުއްދަތުގަައި ބަލި ޖެހުނު މީހުންނެވެ. އަދި މިހާތަނަށް ކޮވިޑްގައި މަރުވި 223 މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރުވީވެސް އެ މުއްދަތުގައެވެ.

މެއި މަހު އެކަނިވެސް 88 މީހަކު މަރުވިއެވެ. 35،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. މެއި މަހުގެ އެންމެ ދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހަކު ކޮވިޑްގައި މީހުން މަރުވިއެވެ. ސައުވީސް ގަޑިއިރުތެރޭ 13 މީހަކު މަރުވި ދުވަހެއްވެސް ދިޔައެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވެފައި އޮތުމަށް ފަހު އަނެއްކާވެސް ހާލަތު ދަނީ ކޮންމެވެސް ވަރަކަށް ގޯސްވަމުންނެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 169 މީހަކު ބަލިވިއެވެ. އެއީ މާލެ ސަރަހައްދުން 49 މީހަކާއި އަތޮޅުތަކުން 119 މީހަކާއި ރިސޯޓަކުންވެސް މީހަކު ޕޮޒިޓިވްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!