ގުރޫޕަކުން ޒުވާނަކަށް އަނިޔާކުރި މައްސަލައެއް

ކޮޓަރިއެއްގެ ތެރޭގައި ގުރޫޕަކުން ޒުވާނަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ވަރަށް ބޮޑަށް ވައިރަލްވެފައިވާ ވީޑިއޯގައި ފެންނަނީ އެނދެއްގެ މަތީގައި އޮށޯވެ އޮތް ޒުވާނަކަށް ބަޔަކު އަނިޔާ ކުރާ މަންޒަރެވެ. ހަތަރު މީހަކު ވެގެން ފައިންނާއި އަތުން އެ ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރެއެވެ. އެމީހުން އެކަން ކުރީ އެ ޒުވާނާ އެހެން މީހަކަށް އިންޒާރުދީ ހަދާފައިވާތީ ކަމަށް ބުނާ އަޑު އިވެއެވެ.

އަދި އެ ޒުވާނާ ލައްވާ ގަދަކަމުން މާފަށް ވެސް އެދުވާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ އެ ވީޑިއޯގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

މި ހާދިސާއާ އާރުޑީސީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ގުޅުވާ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން އެ ކުންފުނިން ބުނީ އެނގިފައިވާ ގޮތުގައި އެ ވީޑިއޯގައި ފެންނަ ކަންތައްތަކީ ފަސް މަސް ދުވަސް ކުރީން ހިނގާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި ވީޑިއޯގައި އަނިޔާ ލިބޭތަން ފެންނަނީ އެ ކުންފުނީގެ އެމްޑީއާ ކޮންމެވެސް ވަރަކަށް އާއިލީ ގުޅުން އޮތް ޒުވާނެއް ކަމަށެވެ. އަދި އެ ހާދިސާއާ ކުންފުނީގެ އެމްޑީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ތުހުމަތުތައް މޫކޭ ދޮގު ކުރާ ކަމަށްވެސް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!