ކީލިއަން އެމްބާޕޭ: ރޭގެ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ދެގޯލު ޖަހާފައި ---ފޮޓޯ: ޔޫރޯސްޕޯޓް

އެމްބާޕޭގެ މެސެޖުން ސުވާލުތަކެއް

ޒުވާން ތަރި ކީލިއަން އެމްބާޕޭ އިންސްޓަގްރާމުގައި ދިން މެސެޖަކުން އޭނާގެ ޓްރާންސްފާ އާއި މެދު ގިނަ ސުވާލުތަކެއް އުފެދިއްޖެ އެވެ.

މާދަމާ ރޭގެ ނިޔަލަށް މިފަހަރުގެ ޓްރާންސްފާ މާކެޓްގެ ދޮރު ބަންދު ވާއިރު، މިހާރު އެންމެ ގަދަޔަށް ފުޓްބޯޅައިގެ ޖައްވުގައި ގުގުމަމުންދާ އަޑަކީ އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ވާހަކަ އެވެ.

އެމްބާޕޭއާއެކު ޕީއެސްޖީން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހަށެވެ. ނަމަވެސް ރެއާލުން ފޫގަޅާފައި ހުރީ މިއަހަރުގެ ޓްރާންސްފާ މާކެޓުގައި ބޮޑު އަގެއް ދީގެން ނަމަވެސް އެމްބާޕޭ އެޓީމަށް ގެންދިއުމަށެވެ. އެގޮތުން ރެއާލުން ޕީއެސްޖީއަށް ހުށަހެޅި ފުރަތަމަ ބިޑަށް ޕީއެސްޖީން ނޫނެކޭ ބުނުމުން ރެއާލުން ވަނީ ދެވަނަ ބިޑެއް ހުށަހަޅާފަ އެވެ.

މިހާރު ރެއާލުން އިންތިޒާރު ކުރަމުން ދަނީ މިރޭ ރާއްޖެ ގަޑިން ނުވައެއް ޖެހުމުގެ ކުރިން ޕީއެސްޖީން ވަކި ގޮތެއް ނިންމައި އެކަން އަންގަން ދެނެވެ. މި އެއްބަސްވުމުގައި ޕީއެސްޖީން އެއްބާރުލުން ނުދީފި ނަމަ ދެ ކްލަބުގެ ދެމެދުގައި އޮތް ގުޅުން ކަނޑާލުމަށް ރެއާލުން ވަނީ ނިންމާފަ އެވެ.

އަނެއްކޮޅުން މިއަދާއި ހަމައަށް ވެސް އެމްބާޕޭ ހުރީ ރެއާލްއަށް ބަދަލުވާން ކެތްމަދުވެފަ އެވެ. ޕީއެސްޖީން އޭނާގެ ކޮންޓްރެކްޓް އާކުރަން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެމްބާޕޭ ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އެހެން ކަމުން ރެއާލްގެ އުންމީދު އާވެ އެމީހުން އިންތިޒާރު ކުރަމުން ދިޔައީ އެމްބާޕޭ އެޓީމަށް ގެނެވޭނެ ދުވަހަކަށެވެ.

އެކަމަކު މިއަދު އިންސްޓަގްރާމުގައި އެމްބާޕޭ ކުރި ޕޯސްޓަކާއި އެކު މިހާރު މިވަނީ މަންޒަރު ބަދަލުވާން ފަށާފަ އެވެ. ރެއިމްސް އާއި ރޭ ބައްދަލުކުރި މެޗުގެ ފޮޓޯ އަކާއި އެކު އެމްބާޕޭ ވަނީ “ތިން ޕޮއިންޓް… ދެ ގޯލު.. ފުރިހަމަ ރެޔެއް” ކެޕްޝަންގައި ޖެހުމަށްފަހު ޕޯސްޓް ކޮށްފަ އެވެ.

މިއީ އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި ސީޒަނުގައި އޭނާ ޕީއެސްޖީގައި މަޑުކުރަން ވިސްނާ ކަމުގެ ހެއްކެކެވެ. އެއީ ޕީއެސްޖީގައި ރަނގަޅު ފެށުމަކާއި އެކު ލީގު 1 ގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން އޭނާ ވިސްނަމުންދާ ކަމުގެ ނިޝާނެއް ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. އެހެން ވެއްޖެ ނަމަ މިއީ ރެއާލްގެ ހުވަފެން ފެނަށް ދާނެ ކަމެކެވެ.

އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ޕީއެސްޖީގައި އޭނާ ކުޅުނު ފަހު މެޗު ރަނގަޅު ގޮތަކަށް ނިންމާލެވުމުން ކުރި ޕޯސްޓެކެވެ. ރޭގެ މެޗުގައި އެމްބާޕޭ ދެ ގޯލު ޖެހިއިރު، މެސީގެ ފުރަތަމަ ފެނިލުމަށްވުރެ އެއް ބައެއްގެ ސަމާލުކަން އަމާޒުވީ އެމްބާޕޭގެ މޮޅު ކުޅުމަށެވެ. މި ސީޒަންގައި އެމްބާޕޭ ރެއާލްއަށް ބަދަލުވާ ނަމަ ރޭގެ މެޗު ވެގެންދާނީ ޕީއެސްޖީގައި އޭނާގެ ފަހު މެޗަށެވެ.

ހަމަ ޔަގީނުންވެސް ޕީއެސްޖީން އެމްބާޕޭ ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން މިހާރު ހުށަހަޅާފައިވާ ބިޑު ވެސް ޕީއެސްޖީން ގަބޫލެއް ނުކުރާނެ އެވެ. އެޓީމުން ގަބޫލު ކުރާ ގޮތުގައި އެމްބާޕޭ އަކީ އެއަށްވުރެ މާ އަގުބޮޑު ކުޅުންތެރިއެކެވެ. ރެއާލުން އެންމެ ފަހުން ބިޑް ހުށަހެޅީ 170 މިލިއަނުގެ އިތުރުން އެޑް އޮންސްގެ ގޮތުގައި 10 މިލިއަން ޔޫރޯ ޕީއެސްޖީއަށް ދިނުމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!