ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު -- ފޮޓޯ/ މަޖިލިސް

ޑޭޓާ މެސެޖު ހެކީގެ ގޮތުގައި ބަލައިގަނެވޭހެން އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ހުށަހަޅައިފި

އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަަލާތް ކުރުމާ އެފަދަ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަލާތް ކުރުމާއި އަމަލު ކުރުމުގެ އުސޫލުތައް ކަނޑައަޅައި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށާފައެވެ. އެގޮތުން މި ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަން ފަސޭހަކޮށް ތަރައްގީ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށާއި އެ ނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަަލާތް ކުރުމާއި އެފަދަ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަލާތް ކުރުމާއި އަމަލު ކުރުމުގެ އުސޫލުތައް ކަނޑައެޅުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ މަގުސަދެއް ކަމަށެވެ. މި ބިލާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ. އެގޮތުން މި ބިލާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ މި ބިލަކީ މުހިންމު ބިލެއްކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ. “ތަރައްގީވަމުން އަންނަ މި ޒަމާނުގައި ގިނަ މުއާމަލާތްތައް މި ހިންގަނީ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ޒަރިއްޔާއިން. ވިޔަފާރި ފުޅާކުރުމަށާއި ޚަރަދު ކުޑަކުރުމަށާއި އަދި އެއްބަޔަކު އަނެއް ބަޔަކަށް މައުލޫމާތު ހިއްސާކުރުމަށާއި، ވިޔަފާރީ ދާއިރާގެ އެކިއެކި މުއާމަލާތްތައް ހިންގުމަށް،” މަވޯޓާ ޝަރީފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަދަ ގާނޫނެއް ތައާރަފްކުރާއިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. މި ބިލާ ގުޅޭގޮތުން ބަހުސްކުރައްވަމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ މި ބިލަކީ ތާރީހުގެ ތެރެއަށް ދާނެ ފަދަ މުހިންމު ބިލެއް ކަމަށެވެ. “މި ބިލަކީ މި ގައުމުގެ ހިންގުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ބިލެއް. މިހާ ހިސާބަށް ރާއްޖެ އައި އިރުގައި އެކި ގޮތްގޮތަށް މުއާމަލާތް އެބަ ކުރެވެމުން އާދޭ، މި ގާނޫނާ ގުޅިގެން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ،” އިކްރާމް ވިދާޅުވިއެވެ. މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓް ހިދުމަތްތައް ހިމެނޭ ގޮތަށް ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތައް ގާނޫނީ ހައިސިއްޔަތު ދިނުން ހިމެނެއެވެ. އަދި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓް ހިދުމަތްތައް ހިމެނޭ ގޮތަށް ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަަން ގާނޫނީ ގޮތުން ކަށަވަރު ކޮށްދިނުން ވެސް ހިމެނެއެވެ. ހަމައެއާއެކު ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދީ އެކަމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުން ވެސް ހިމެނެއެވެ. މި ބިލު ގާނޫނަކަށް ވުމުން އިލެކްޓްރޯނިކް އެއްބަސްވުންތައް، ގާނޫނީ ހައިސިއްޔަތު ދިނުމުގެ އުސޫލުތައް ބަޔާންވެގެންދާނެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!