ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް / ފޮޓޯ: އެމްއޭސީއެލް

އާ ސީޕްލޭން ޓާމިނަލްގައި ލައުންޖުތައް ހިންގާނެ ބަޔަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލުގައި ލައުންޖުތަކެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ އާ ސީޕްލޭން ޓާމިނަލް އިމާރާތުގައި، އެކްޒެކެޓިވް ލައުންޖުތަކެއް ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން، ލައުންޖު ގޮޅިތައް ކާމިޔާބު ކުރާ ފަރާތްތަކުން އެ ގޮޅިތައް ހިންގަން ޖެހޭނީ އެ ކުންފުނިން ދޭ އިރުޝާދުތަކާއި އެއްގޮތަށް ލައުންޖު ގޮޅި އަމިއްލައަށް ހަދައިގެން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅާން ވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެމްއޭސީއެލް އިން ބުނީ އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު، ސީޕްލޭން އަދި ޓުއޯ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އެ މަސައްކަތަށް ބިޑު ހުށަހާޅާއިރު 10،000 ޑޮލަރު ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭ ކަމަށާއި އަދި އެ މަަސައްކަތް ކުރަން ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ. އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެންނެވެ. މި މަސައްކަތް ކުރީ އާ ރަންވޭގެ މަސައްކަތް ކުރި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް ވެސް ހުންނާނެއެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕަށެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު ހުންނަ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް ބީޔޫސީޖީ އިން ކުރީ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖާ ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!