ޒުވާން ޓީމުގެ ފަރިތަކުރުމުގެ ތެރެއިން --ފޮޓޯ: އެފްއޭއެމްޒުވާން ޓީމާއި އަލަށް ހަވާލުވި ކޯޗިން ޓީމު --ފޮޓޯ: އެފްއޭއެމް

ޒުވާން ފުޓްބޯޅަ ޓީމުގެ ފަރިތަކުރުން ފަށައިފި

ތޭވީސް އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުން ފަށައިފި އެވެ.

ޒުވާން ޓީމުގެ ފަރިތަކުރުންތައް ފަށާފައި މިވަނީ މިއަންނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗު ތަކަށް ތައްޔާރު ވުމަށެވެ. ކޮލިފިކޭޝަން މެޗުތައް އޮންނާނީ ސާފް ޗެމްޕިއަންޝިޕް ނިމޭތާ މާގިނަ ދުވަހެއް ނުވެ އޮކްޓޫބަރު މަހުގެ 23 އިން 31 އަށް އުޒްބަކިސްތާނުގަ އެވެ.

ކޮލިފައިން މެޗު ތަކުގައި ރާއްޖެ އޮތީ އިރާގް، ބަހުރައިން އަދި އަފްގާނިސްތާނާއި އެއް ގްރޫޕެއްގަ އެވެ. މުބާރާތަށް ކޮލިފައި ވާނީ ކޮންމެ ގްރޫޕަކުން އެއް ވަނަ ހޯދާ ޓީމެކެވެ. އަދި ކޮލިފައިންގައި ހިމެނޭ 11 ގުރޫޕްގެ ތެރެއިން ގުރޫޕްގެ ދެވަނައަށް ދާ ޓީމުތަކަށް ވެސް ފުރުސަތު އެބައޮތެވެ. އެގޮތުން ދެވަނައަށް ދާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެއް ދެވަނަ ބުރަށް ދަތުރު ކުރާނެ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗު އޮތީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިރާނާ އެވެ. އޭގެ ފަހުން 29 ވަނަ ދުވަހު ދެވަނަ މެޗުގައި ބަހްރެއިނާއި ވާދަ ކުރުމަށް ފަހު ތިންވަނަ މެޗުގައި އަފްގާނިސްތާނާއި ބައްދަލުކުރާނީ 31 ވަނަ ދުވަހު އެވެ.

މި މެޗުތަކަށް ތައްޔާރުވެ 30 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލުމަށް މިއަންނަ ސެޕްޓެމްބަރު ހަތަރަކުން 12 އަށް ޒުވާން ޓީމު ޅ. ނައިފަރުގައި ކޭމްޕް ކުރާނެ އެވެ. އަދި މި ކޭމްޕުގެ ތެރޭގައި އެ އަތޮޅުގެ ފަސް ރަށަކާއި އެކު މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.

ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ދާދި ފަހުން ވަނީ މިހާރުގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ހަމަޖައްސާފަ އެވެ. ސުޒޭން އާއި އެކު ޒުވާން ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދާއި ވެލެންސިއާ އާއި އައިއެފްސީގެ ކުރީގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝާހިދު (ޝާޑު) ވަނީ ހަމަޖައްސާފަ އެވެ.

މިއީ ސުޒޭން 23 އަހަރުން ދަށުގެ ޓީމާއި ހަވާލުވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން ޒުވާން ޓީމަށް ކޯޗުކަން ކޮށްދީފައިވާ ސުޒޭން ވަނީ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި 2008 ވަނަ އަހަރު ވާދަކުރި ޒުވާން ޓީމަށްވެސް ކޯޗުކަން ކޮށްދީފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!