ޖޭއެސްސީގެ މެންބަރުން: ހިސާން ހުސައިން (ކ) އާއި އިބްރާހިމް ރިއްފަތު (މ) އަދި މަންސޫރު ހުސްނީ

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލަ ޖޭއެސްސީން ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބަލައި ތަހުގީގު ކުރާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ. ޖޭއެސްސީން މިހެން ބުނީ، ކްރިމިނަލް ކޯޓުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި ގާޒީ ހުސަިއން ފާއިޒް ރަޝާދުއަށް، އެމައްސަލަ ވަކި ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވި ކަމަށް އެ ފަނޑިޔާރު ވިދާޅުވާ ކަމަށް ބުނެ އޯޑިއޯއަކާއި، އެ ހުކުމުގައި އޮތް އެއްޗެއް ގާޒީ އަލީ އާދަމް އަށް އެނގިވަޑައިނުގަންނަވާ ކަމަށް ބުނާ، ލީކުވެފައިވާ އޯޑިއޯތަކަކާ ގުޅިގެންނެވެ. ޖޭއެސްސީން ބުނީ، ފަނޑިޔާރުންނަކީ، ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ތަޢައްސުބުން އެއްކިބާވެ، ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުގައި ދެމިތިބެން ޖެހޭ ބައެއް ކަމަށެވެ. އެހެންކަމުން އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ތަހުގީގު ކުރާނެ ކަމެއް ކަމަށް ޖޭއެސްސީން ބުނެއެވެ. ނޮވެމްބަރު 28، 2019ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ގާޒީ ފާއިޒުގެ އިތުރުން ރިޔާސަތު ބެލެހެއްޓެވި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމެވެ. މި ފަހުން ވަނީ ގާޒީ ފާއިޒާއި އަލީ އާދަމް ގެ އޯޑިއޯއެއް ލީކް ވެފައެވެ. މީގެ ތެރެއިން ގާޒީ އަލީ އާދަމްގެ އޯޑިއޯއެއް ކަމަށް ބުނެ ސޯޝަލްމީޑިއާގައި ލީކުކޮށްފައިވާ އޯޑިއޯގައި ގާޒީ އަލީ އާދަމް، ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ވާހަކަ ދައްކަވާ އަޑު އިވެއެވެ. އަލީ ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމްގައި އޮތް އެއްޗެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި މައްސަލަ ހިންގެވި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަމަށެވެ. ހަމައެއާއެކު ގާޒީ ފާއިޒުގެ ލީކް ވި އޯޑިއޯގައި އޭނާ ވިދާޅުވީ، ސިޔާސީ މީހުން ނުހައްގުން ވިޔަސް ހައްގުން ވިޔަސް ޖަލަށް ލުމުން އެ މީހުންނަށް ލިބޭ ތާއީދު އިތުރުވާ ކަމަށެވެ. ހަމައެއާއެކު ރައީސް ޔާމީނަށް “ހުރިހާ ކަމެއް” އެނގޭ ކަމަށާއި ދެން އެހެން މީހުން މައްސަލަ ޖައްސަނީ ކީއްވެތޯ ފާއިޒު ސުވާލު ކުރެއްވިއެވެ. އަދި ޔާމީން ޖަލަށް ލާން ފާއިޒު ތާއީދު ކުރެއްވީ ޔާމީންގެ މަސްލަހަތުގައި ކަަމށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި މި މައްސަލައާ ގުޅިގެން މަސައްކަތް ކުރެއްވި އިރު ރިޝްވަތު ނުނަންގަވާ ކަމަށާއި ބިރުދައްކާފައި ނުވާނެ ކަމަށް ފާއިޒު ވިދާޅުވިއެވެ. އަދި އެ އޯޑިއޯގައި ފަނޑިޔާއުން ރަހީނު ކުރިތޯ ސުވާލު ކުރި މީހާ ސުވާލު ކުރުމުން “އެހެން ކަމަށް ބަލަމާ” މިހެން ފާއިޒު ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!