ރަސްފަރި ފަރަށް އުރުނު އާގު ބޯޓު: އެ ބޯޓު މިއަދު ފުންކޮށްފި --- ފޮޓޯ: އަވަސް

ރަސްފަރި ފަރަށް އުރުނު ބޯޓު ފުންކޮށްފި

މި މަހުގެ 19 ގައި ރަސްފަރި ފަރަށް އުރުނު ކާގޯ ބޯޓު “ނާވިއޮސް އާމަލިސް” ފުން ކޮށްފި އެވެ. މި ބޯޓު ފުން ކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް ބޭނުން ކޮށްގެނެވެ. ބޯޓު ފުން ކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ހޯދި އެވެ.

ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށްވުރެ ބޮޑު ކާގޯ ބޯޓާ ގުޅޭ ގޮތުން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ ބޯޓު ރަސްފަރި ފަރަށް އެރީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު ކަމަށާއި ޓްރާންސްޕޯޓުންނާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން ބޯޓު ފުން ކުރި މަސައްކަތުން މިއަދު މެނދުރު 2:08 ގައި ބޯޓު ފުން ކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އުޅަނދުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބޯޓުގައި ހުރި ލޯސަލްފާ އައިއެފްއޯ ގެ ތެރެއިން ޕްލޭން ކުރި ގޮތަށް ތިރީ ތާންގީތަކުން އުޅަނދުގެ މަތީ ތާންގީތަކަށް ރައްކާތެރިކަމާއެކު ވަނީ ތެޔޮ ޓްރާންސްފާ ކޮށްފައި ކަމަށް ބުންޏެވެ.

އުޅަނދު ފުންކޮށް، ޕޯޓް ލިމިޓް އޭރިޔާގައި ބޯޓު ބަދަރު ކުރުމަށް ފަހު އެކްސިޑެންޓް އިންވެސްޓިގޭޝަން ފަށާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ. އަދި ބުނީ އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި ކޯސްޓްގާޑުން ކުރާ މަސައްކަތް ވެސް ލަސް ނުވެ ފަށާނެ ކަމަށެވެ.

އާގު ބޯޑު ފުންކުރިއަސް ތަހުގީގުގެ މަރުހަލާ ނުނިމެނީސް ބޯޓަށް ރާއްޖޭން ފުރައިގެނެއް ނުދެވޭނެ އެވެ. ތަހުގީގު ނިމުނުގެ ކުރިން އެ ބޯޓު ފުރަން ބޭނުންނަމަ ފަރަަށް އެރުމުން ލިބުނު ގެއްލުންތަކަށް ބަދަލުދޭން 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހެ އެވެ. އަދި ފަރަށް ލިބުނު ގެއްލުންތަކުގެ އަދަދު 100 މިލިއަނަށް ވުރެ ދަށްވާނަމަ އިތުރުވާ ފައިސާ އަނބުރާ ދައްކާނެ އެވެ.

ތިމާވެށީގެ ގާނޫނު ބުނާ ގޮތުން ފަރަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނީ 100 މިލިއަން ރުފިޔާއިން އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!