ލަންކާ އެއާޕޯޓް: ލަންކާއަށް އެތެރެވާން ދިވެހީން ވިސާ ފީ ދައްކާކަށް ނުޖެހޭކަމަށް ފޮރިން މިނިސްޓްރީން ބުނޭ

ލަންކާއަށް އެތެރެވާން ދިވެހިން ވިސާ ފީ ދައްކާކަށް ނުޖެހޭނެ: މިނިސްޓްރީ

އޮން އެރައިވަލް ވިސާގައި ސްރީލަންކާއަށް އެތެރެވާ ދެކުނު އޭޝިއާގެ ފަތުރުވެރިންގެ އަތުން ފީއެއް ނަގަން ނިންމި ނަމަވެސް ދިވެހީންގެ އަތުން އެ ފީ ނުނަގާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ލަންކާގެ މީޑިއާއިން ބުނީ ވިސާގެ އުސޫލުތަކަށް ގެނައި ބަދަލާއެކު އޮން އެރައިވަލް ވިސާގެ ދަށުން ލަންކާއަށް އެތެރެވާ ދެކުނު އޭޝިއާގެ ފަތުރުވެރިން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ވިސާގެ މުއްދަތު އިތުރު ކުރަން ވެސް ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ލަންކާއިން ވިސާގެ އުސޫލަށް ބަދަލެއް ގެނަޔަސް އެއިން ރާއްޖެ އިސްތިސްނާވާނެ ކަމަށެވެ. އެގޮތުން ލަންކާއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރާ ދިވެހިން މިހާރު ވެސް އަމަލު ކުރާ އުސޫލުގެ ދަށުން، ސްރީލަންކާއަށް ދަތުރު ކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އެޕްރޫވަލް (އީޓީއޭ) ސިސްޓަމް މެދުވެރިކޮށް ލަންކާއަށް އެތެރެވުމުގެ ހުއްދަ ނަގައިގެން ދަތުރު ކުރެވޭނެ ކަމަށެވެ.

“އަލަށް އަންނަ ބަދަލުތައް ތަންފީޒުވާން ފެށުމުން ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮންނަ ބައިލޭޓަރަލް އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ހިލޭ ވިސާ ކުރިއެކޭ ވެސް އެއްގޮތަށް ދެމުންދާނެ. އަދި 180 ދުވަހުގެ ވިސާ އީޓީއޭ މެދުވެރިކޮށް 50 ޑޮލަރުގެ ފީއެއް ނަގާނެ” ފޮރިން މިނިސްޓްރީގެ މީޑިއާ އެންމެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

އީޓީއޭ ސިސްޓަމް މެދުވެރިކޮށް ކުރިން ހުއްދަ ނަގައިގެން ލަންކާއަށް ދަތުރު ކުރުމުގެ އުސޫލަކީ ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އަދި ސްރީލަންކާއަށް ވިސާއާ ނުލާ އެތެރެވުމުގެ ހުއްދަ އޮންނަ އެހެން ގައުމުތަކުގެ ރައްޔިތުން ވެސް އެ ގައުމަށް ދަތުރު ކުރުމުގެ ކުރިން މިހާރު އީޓީއޭ ސިސްޓަމް މެދުވެރިކޮށް ހުއްދަ ނަގަން ޖެހެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!