ރައީސް އަބްދުﷲ ޔާމީން: އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފައި -- އަވަސް ފޮޓޯ

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 12 އަދި 13 ވަނަ ދުވަހަށެވެ. ދެ ދުވަހު ވެސް ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލާގައި ދަށު ކޯޓާއި ހައިކޯޓުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލާގައި، ހަދާފައި ހުރި ގޯސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ވަނީ ޝަރީއަތް ނިމެންދެން ޕެރޯލް ދަށުން އެމަނިކުފާނު މިނިވަން ކުރުމަށްވެސް ހުށަހަޅުއްވާފަ އެވެ. އެކަމަކު ދަށު ކޯޓާއި ހައިކޯޓުގައި އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ނުހައްގު ތަހުގީގުތަކަކާއި ދައުވާތަކެއް މިސަރުކާރުން ކުރިއަށް ގެންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!