އެއާޕޯޓު ތެރޭގައި މީހުން ފުނިޖެހިފައި / ފޮޓޯ: ޔާއްޕެ

އެއާޕޯޓުގައި ކައިބޮއެ، ނިދާ ހަދަނީ ހަވާލުވާން ޖެހޭ މީހުންގެ އިހުމާލުން: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދުވަސްކޮޅު މިފެނިގެންދަނީ މީގެ ކުރިން ފެނިފައިނުވާ މަންޒަރެކެވެ. އެގޮތުން އެރައިވަލް އާއި ޑިޕާޗާ ޓާމިނަލްތަކުގައި މީހުން މިވަނީ ތޮއްޖެހިފައެވެ. އަދި ޓާމިނަލް މިވަނީ ފުރި ބާރުވެފައެވެ. އަދި ހާއްސަކޮށް ޓާމިނަލް ތެރޭއިން މިފެންނަނީ އެތަނުގައި ނިދާ، ކައި ބޮއެ، ހަދާ މަންޒަރެވެ. ގިނައީ އިންޑިއާ އަންނަ މީހުންނެވެ. ޔޫއޭއީ އާއި ސައުދީގައި މަސައްކަތްކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މީހުން މި ދުވަސްވަރު ރާއްޖޭގައި މަޑުކުރަނީ ރާއްޖެއިން ދާ މީހުން އެ ގައުމުތަކުގައި ކަރަންޓީނު ވާން ނުޖެހޭތީއެވެ. ނަމަވެސް އެތައް ބަޔަކު އެއްފަހަރާ އައުމާ ގުޅިގެން، އެއާޕޯޓު ތެރޭގައި އިށީންނާނެ ގޮނޑި ނެތެވެ. އިށީންނާނެ ތަންކޮޅެއް ނެތުމުން ބައެއް މީހުން އެތަނުގައި ކުނާ އަޅައިގެން ނިދާ މަންޒަރުވެސް ފެނެއެވެ. އެކަމާ ގުޅިގެން “ދަ ޕްރެސް”އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އެއާޕޯޓު ފުނިޖެހެމުން މިދަނީ އެމީހުންނާ ހަވާލުވެފައި ތިބި މީހުން ނޫނީ ބަލާ އަންނަ މީހުން ޒިންމާ އަދާނުކުރާތީ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ބަލާ އަންނަ މީހުން، ހެނދުނު ފްލައިޓް އަދި މެންދުރު ފްލައިޓުން އަންނަ މީހުން އެއްކޮށްލައިގެން ގެންދާ މީހުން ވެސް އެބަތިބި ކަން ފާހަގަކުރައްވާ އަރީފް ވިދާޅުވީ އޭގެ ސަބަބުން އެއާޕޯޓު ތެރޭގައި ބައިގިނަ ވެފައިވާ ކަމަށެވެ. އަރީފް ވިދާޅުވީ ވަރަށް ބައިވަރު މީހުން އެއާޕޯޓުގެ ކެންޓީނަށް ވެސް ވަންނަ ކަމަށާ އަދި އަނެއްބައި މީހުން އެއާޕޯޓު ތެރޭގައި ވެސް އުޅެމުންދާ ކަމަށެވެ. އަރީފް ވަނީ ބުކިން ތައް ނަހަދާ، އޮޅުވާލައިގެން މީހުން ފޮނުވާފަ ހުރި ބައިވަރު ކޭސްތައް އެބަ އުޅޭ ކަމަށެވެ. އަދި އެންމެ ބޮޑު މައްސަލައަކީ ބަލާ އަންނަ މީހުން ކަމަށާއި އަވަހަށް އެމީހުންގެ ޒިންމާ އަދާކޮށްފިނަމަ އެއާޕޯޓުން ހުސްވެގެންދާނެ ކަމަަށް އަރީފް ވިދާޅުވިއެވެ. އަރީފް ވިދާޅުވީ މިހާރުގެ ހަލަބޮލިވުން މަސައްކަތަށްދާ މީހުންނަށް ޔޫއޭއީ އާއި ސައުދީ ބޯޑަރު ހުޅުވާލުމުން ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު 1 ފެށިގެން އެމަންޒަރު ނުފެންނާނެ ކަމަށް ބެލެވޭ ކަމަށް އަރީފް ވިދާޅުވިއެވެ. އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަރީފް ވިދާޅުވިއެވެ، އެގޮތުން މީހުން ހުސް ކުރެވޭތޯ މަސައްކަތްކުރަމުން ދާ ކަމަށާއި އެކޮމޮޑޭޓްކޮށް އެޑްޖަސްޓް ކުރުރމުގެ މަސައްކަތްކުރަމުންދާ ކަމަށް އަރީފް ވިދާޅުވިއެވެ. އަރީފް ވަނީ އެމީހުންނާ ހަވާލުވެފައި ތިބި މީހުން ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ގަޑިއަށް އެމީހުން ބަލާދިއުމަށް އަރީފް ވަނީ އެދިވަޑައިގެންފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!