ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރުން -- ފޮޓޯ: މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު ލާން ފާސްކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން އަހްމަދު އާހިދު ރަޝީދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވެއްވި ހަތަރު ބޭފުޅުންނާ އިންޓަވިއު ކޮށްފައި ވެއެވެ. ކޮމިޓީގެ މެންބަރުން ވަނީ އެ ބޭފުޅުންނަކީ މަގާމަށް ގާބިލް ބައެއްތޯ ދެނެގަތުމަށް ތަފާތު ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަޖިލީހަށް ފޮނުއްވި ލިސްޓްގައި ހަތަރު ބޭފުޅަކު ހިމެނެ އެވެ. އެއީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ޝިހާމް މުހައްމަދު ވަހީދާއި، ހ. ގުރުވަ، އަހްމަދު އާހިދު ރަޝީދާއި، މ. ދާސްތާން، މަރިޔަމް އަލީމް އާއި، ދަފުތަރު، އަޒްލީމާ އަހްމަދެވެ.

ކޮމިޓީން މި ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ކޮންމެ ބޭފުޅަކަށް ރުހުން އޮތްތޯ ވަކިވަކިން ވޯޓަށް އަހާފައިވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އާހިދު އައްޔަން ކުރަން ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ. އަނެއް ތިން ނަމަށް އެ އަދަދަށް މެންބަރުންގެ ވޯޓު ލިބިފައެއް ނުވެ އެވެ.

އާހިދުގެ ނަމަށް ހުރިހާ މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން ކޮމިޓީގެ ރިޕޯޓު ނިންމާ މަޖިލީހުގެ ރިޔާސަތަށް ފޮނުވުމަށް ވެސް ވަނީ ނިންމާފަ އެވެ. އާހިދަށް ކޮމިޓީން ރުހުން ދޭން ނިންމި ނަމަވެސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

އާހިދަކީ ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓުގައި ދެވަނައަށް އޮތް ނަމެވެ. ފުރަތަމަ ނަމަކަށް އޮތީ ޝިހާމްގެ ނަމެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް ދެވަނަ ފަހަރަށް މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މިމަހުގެ 16 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ އަށެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ނަންތައް ދިރާސާ ކުރަން ފޮނުވީ ވެސް އެ ދުވަހު އެވެ.

ކޮމިޓީން މިއަދު ރުހުން ދިން އާހިދަކީ މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މުހިއްމު މައްސަލަތަކެއް ހުށަހަޅުއްވައިގެން އެ ގާނޫނުގެ ބޭނުން ވަރަށް ބޮޑަށް ހިއްޕެވި ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ މަގާމު ހުސްވެއްޖެނަމަ 90 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަން ގާނޫނު ލާޒިމް ކުރެ އެވެ. ނަމަވެސް ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ގޮސް އެ އޮފީސް ވަނީ ގާނޫނީ ހުސް ކަމެއްގެ ތެރޭގަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!