ދަރިވަރުންގެ ވެކްސިން ޕްރޮގްރާމުގައި ދަރިވަރުންތަކެއް ވެކްސިން ޖަހަނީ -- ފޮޓޯ: އަވަސް

66 ޕަސަންޓް ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

ރާއްޖޭގެ އާބާދީގައި ހިމެނޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ އާބާދީއަށް ވެކްސިން ޖެހުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން 66 ޕަސަންޓް ކުދިން ވެކްސިން ފުރިހަމަކޮށްފި އެވެ.

ދަރިވަރުންގެ ވެކްސިން ޕްރޮގްރާމު ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ސަރުކާރުގެ ފަރާތުން ދަރިވަރުންގެ ވެކްސިން ޕްރޮގްރާމުގެ މައުލޫމާތު ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ދަރިވަރުންގެ ވެކްސިން ޕްރޮގްރާމުގައި މިހާތަނަށް 81 ޕަސަންޓް ކުދިން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 66 ޕަސަންޓް ކުދިން ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ވެކްސިން ޖެހި ދަރިވަރުންގެ އިންސައްތަ މަބްރޫކް ވިދާޅުވި ނަމަވެސް އަދަދުތަކެއް ހިއްސާކުރައްވާފައެއް ނުވެ އެވެ. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމުގައި 20،000 އަށް ވުރެ ގިނަ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒު އިއްޔެއާ ހަމައަށް ޖަހާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ އާބާދީގައި ހިމެނޭ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 84 ޕަސަންޓް މީހުން ވެސް ކޮވިޑް ވެކްސިންގެ އެއް ޑޯޒް މިހާރު ޖަހާފައިވާ ކަމަށެވެ.

“އުއްމީދަކީ އިރާދަކުރެއްވިއްޔާ މިމަސް ނިމޭއިރުގައި 90 ޕަސަންޓާ ހަމައަށް މިއަދަދުތައް ގެންދިއުން،” ސަރުކާރުގެ އަމާޒު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވެކްސިން ޕްރޮގްރާމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ވެސް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމު ފެށީ މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!