ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހެއްކާ ބެހޭ ބިލް މި ހަފްތާ މަޖިލީހަށް ފޮނުވަނީ

ހެއްކާ ބެހޭ ބިލް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޒަމާނީ ޖިނާއީ އިޖުރައާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ފުރިހަމަ ވާނީ ޒަމާނީ ހެއްކާ ބެހޭ ގާނޫނެއް ވުޖޫދަށް އައިސްގެން ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން މި ހަފްތާގެ ތެރޭގައި އެ ބިލް މަޖިލީހަށް ފޮނުވާނެ ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރު ފާސްކޮށްފައިވާ އެންމެ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ. އެހެންކަމުން ޒަމާނީ ހެއްކާ ބެހޭ ގާނޫނެއްގެ މުހިއްމު ކަން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ފަނޑިޔާރުން ވެސް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

ސަރުކާރުން ޑްރާފްޓް ކޮށްފައިވާ ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ އެ ބިލުން ހެކި ހޯދާނެ ގޮތާއި ހެކި ބޭނުންކުރާނެ ގޮތާއި އަދި ހެކި ބޭނުންކޮށްގެން މައްސަލަތައް ސާބިތުކުރާނެ ގޮތް ބަޔާންކޮށްފައިވާނެ ކަމަށެވެ. އެ ބިލްގައި ހެކިދޭ މީހުންނަށް ރައްކާތެރިކަން ދޭނެ ގޮތްތައްވެސް ކަނޑައަޅާފައިވެ އެވެ.

“މީގެ ސަބަބުން ހެކި ހޯދައި ގޮތާއި ހެކި ބޭނުންކުރާ ގޮތާއި އަދި ބާޑަން އޮފް ޕްރޫފް، ހެކި ބޭނުންކޮށްގެން ކަމެއް ސާބިތުކޮށްދޭ ގޮތް ސާފުކޮށް ގާނޫނުއަސާސީގައި ކަނޑައެޅިގެން ދާނެ ބިލެއް މިބިލަކީ،” މަބްރޫކް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރާ ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ އެ ބިލަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް އިތުރަށް ފުރިހަމަކޮށްދޭނެ ބިލެއް ކަމަށެވެ. އެ ބިލް ފާސްވުމުން ފަޅު ރަށްތަކާއި މެދު ކައުންސިލްތަކުން ބޭނުންވާ ގޮތަކަށް އަމަލުކުރުމަށް ކައުންސިލްތަަކަށް މުހިއްމު ބާރުތަކެއް ލިބޭނެކަން ވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ފުޑް ސޭފްޓީގެ ބިލާއި އިލެކްޓްރޯނިކް ޓްރާންސެކްޝަންގެ ބިލް އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުވާފައިވާތީ އެ ދެ ބިލް ވެސް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅި ގޮތްތަކެއް ނިމިގެންދާނެ ކަމުގައިވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ މިދައުރަށް ފޮނުވަން ބޭނުންވާ ބިލްތަކެއްގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި މިވަނީ މަޖިލީހުގެ ތަޅުމުގައި މިވަގުތު ކުރާނެ މާބޮޑު ބަހުސެއް ނެތް ކަަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މިމަހުގެ 17 ވަނަ ދުވަހު އޮތް މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!