ހުޅުމާލޭގައި ވޯޓާ ތީމް ޕާކް އަޅަން ހަމަޖެހިފައިވާ ސަރަހައްދު: އެތަން ހަދަން ހަވާލު ކޮށްފައިވާ މިރި ހައުސިންގެ އަތުން މަޝްރޫއަތުލަން އެޗްޑީސީން މަސައްކަތް ކުރަނީ

މެލޭޝިއާ ކުންފުނި އަތުން ވޯޓާ ތީމް ޕާކް ނަގަނީ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކްގެ މަސައްކަތް ނުނިމި ލަސްވަމުން ދާތީ، އެ މަޝްރޫ ހަވާލު ކޮށްފައިވާ މެލޭޝިޔާ ކުންފުނިމ މިރީ ހައުސިން އަތުން ޕްރޮޖެކްޓް ނަގަން ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. މި ޕާކް ހިންގަން މިރީ ހައުސިންއަށް ދީފައި ވަނީ 35 އަހަރަށެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވި ގޮތުގައި އެ މަޝްރޫއު މިރި ހައުސިންއާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބަލަން އެޗްޑީސީން އޭސީސީއަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ފޮނުވާފަ އެވެ. ނަމަވެސް އޭސީސީން އެ މައްސަލައިގައި ތަހުގީގު އަދިވެސް ނިންމާފައެއް ނުވެ އެވެ.

ވޯޓާ ޕާކުގެ މަސައްކަތް ފަށާފައިވި ނަމަވެސް، މިހާރު އެ މަޝްރޫއު ކުރިޔަކަށް ނުދެ އެވެ. އެހެންވެ މިރީ ހައުސިންގެ އަތުން މަޝްރޫގެ ނަގަން އެޗްޑީސީން ބޭނުންވެ އެވެ. ނަމަވެސް އޭސީސީގައި އޮތް މައްސަލަ ނުނިންމާ އޮތުމުން އެޗްޑީސީއަށް އެ ފިޔަވަޅު އަޅަން ވަނީ ދަތިވެފަ އެވެ.

ޕާކްގެ މައްސަލާގައި އެޗްޑީސީން ވަނީ އޭސީސީއަށް ސިޓީ އެއް ވެސް ފޮނުވާފަ އެވެ. އޭގައި ބުނެފައިވަނީ ޕާކުގެ މަޝްރޫއު ހުއްޓިފައިވާތީ ކޮންޓްރެކްޓަރާއެކު ވާހަކަ ދައްކައިގެން ހައްލު ކުރުން ޑިސްޕިއުޓް ރިޒޮލިއުޝަނެއް ފެށި ކަމަށެވެ. އަދި އޭސީސީގެ ނިންމުމަކީ ކޮންޓްރެކްޓަރާމެދު އެޗްޑީސީގެ ނިންމުމަށް ވަރަށް މުހިންމު މައުލޫމާތަކަށްވާތީ، އެ ތަހުގީގު އަވަސްކޮށް ދިނުމަށެވެ.

ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހަދާ ވޯޓާ ތީމް ޕާކް މިހާރު ހުޅުވޭނެ ކަމަށް އެޗްޑީސީން ބުނަނީ 2023 ގަ އެވެ.

ތީމް ޕާކަކާއެކު 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ވެސް ތަރައްގީ ކުރާނެ އެވެ. އެތަން ތަރައްގީ ކުރަނީ ދިވެހިންނަށް އެ ތަނުގައި މަޑުކޮށްލެވޭ ގޮތަށް އަދި ހެޔޮ އަގުގައި ކޮޓަރި ލިބޭ ގޮތަށެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން ސިނަމާލެ ބްރިޖަށް އަރަންދާ މަގުން އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމް ކުރާނެ އެވެ. އެގޮތުން ވޯޓާ ސްލައިޑްސް އާއި ކުޑަކުދިންގެ ޕޫލްތައް ވެސް ހުންނާނެ އެވެ. އަދި ބަމްޕަ ބޯޓްސް އާއި ވޯޓާ ހައުސްގެ އިތުރުން ވޯޓާ ރޯލާޒް އާއި ވޯޓާ ގައިރޯ އާއި އަކުއާ ލޫޕްސްގެ އިތުރުން ފައުންޓަން ސްކޮއާގެ ދިގު ފެންކޯރެއް ވެސް ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!