ރައީސް ސޯލިހު (ކ) އާއި ނަރެންދްރަ މޯދީ ސަލާމް ކުރައްވަނީ

ކަރަންސީ ސްވޮޕަށް އިންޑިއާއިން ނެގި ފައިސާގެ ތެރެއިން 150 މިލިއަން ޑޮަލަރު ރާއްޖެއިން ދީފި

ކަރަންސީ ސްވޮޕަށް އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮަލަރު ރާއްޖެއިން ދީފިއެވެ. އިންޑިއާ އިން ރާއްޖެ އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްއެއް ހަމަޖެއްސުމުގައި، ރާއްޖޭގެ މަރުކަޒީ ބޭންކް އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ހުންނެވިއިރުއެވެ. ކަރަންސީ ސްވެޕް އެއްބަސްވުމަކީ ދެ ގައުމެއްގެ ފައިސާ ބަދަލު ކުރަން ހަދާ އެއްބަސްވުމެކެވެ. މި އެއްބަސްވުން ގާއިމްކުރާނީ ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އިންޑިއާ އިން ހަމަޖަސައިދިން ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި ބާކީހުރި 250 މިލިއަން ޑޮލަރު ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށެވެ. އިންޑިއާ އިން ރާއްޖެ އަށް ކަރަންސީ ސްވޮޕްއެއް ހަމަޖައްސަދިނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން 2020 ގެ ޑިސެމްބަރު މަހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެއްގެ ގޮތުގައެވެ. އެމްއެމްއޭއިން އިއްޔެ އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ހުރީ 851 މިލިއަން ޑޮލަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!