އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --- ފޮޓޯ: ސިޓީ ކައުންސިލް

އައްޑޫގައި ޕްރޮޖެކްޓުތައް އެބަ ހިނގާ، ބަލަން ބޭނުން ނުވާ އެއްޗެއް ނުފެންނާނެ: ނިޒާރު

އައްޑޫ ސިޓީގައި ސަރުކާރުން ހިންގަން ވައުދުވި މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެ މަސައްކަތް ނުފެންނަ ކަމަށް ވިދާޅުވީ، އެކަންތައްތައް ބައްލަވަން ބޭނުންފުޅު ނުވާތީ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު “ސަން”އަށް އެހެން ވިދާޅުވީ ސައީދު އިއްޔެ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އެ ޓުވީޓުގައިވާ ގޮތުން، އައްޑޫ ސިޓީގައި ކުރިއަށްގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި 60 ޕްރޮޖެކްޓެއް ހޯދަން އޭނާ ވަރަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެފަދަ މަޝްރޫއެއްގެ އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. ނިޒާރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރަދުގައި އައްޑޫގައި ދަނީ ކުދި އަދި ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ. އަދި ސައީދު އެ ސިޓީއަށް ވަޑައިގެންނެވި އިރު އެ މަސައްކަތްތައް ފެންނާނެ ކަމަށް ބެލެވޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނަމަވެސް ޕްރޮޖެކްޓުތައް ނުހިނގާ ކަމަށް ދޭހަވިކަން މޭޔަރަށް އަންގަވާ ދެއްވި ނަމަ، މަސައްކަތްތައް ދައްކަން ވަޑައިގެންނެވީސް ކަމަށް ވިދާޅުވިއެވެ. ނިޒާރު ލަފާ ކުރެއްވި ގޮތުގައި ސައީދު އެގޮތަށް ޓުވީޓު ކުރެއްވީ، އޭނާ އައްޑުއަށް ވަޑައިގެންނެވީ އިދިކޮޅު މެމްބަރެއްގެ ގޮތުގައި ކަމަށްވާތީއެވެ. އަދި ސިޔާސީ ގޮތުން ކޮންމެހެން ވިދާޅުވާން ޖެހޭ އެއްޗެއް ވިދާޅުވީ ކަމަށް ނިޒާރު ވިދާޅުވިއެވެ. “ސައީދު ބައްލަވަން ބޭނުން ނުވާ އެއްޗެއް ނުވެސް ފެންނާނެތާ. ދެން އަޅުގަނޑަަށް އިޝާރާތެއް ކޮށްލެއްވި ނަމަ މަސައްކަތް ހިނގާ ތަނަކަށް ގެންދެވުނީސް. އައްޑޫގަ އެބަ ހިންގާ ޕްރޮޖެކްޓުތައް. ސައީދު ވަޑައިގަތީ އިދިކޮޅު ޕާޓީގެ ބޭފުޅެއްގެ ގޮތުގަ. ވީމާ މިސަރުކާރުން ހިންގާ ކަންކަން ޕްރޮމޯޓު ކުރަން ނޫޅުއްވާނެ. އެ ބޭފުޅާ ސިޔާސީ ގޮތުން ވިދާޅުވާން ޖެހޭ އެއްޗެއް ވިދާޅުވީ ކަމަށް ބެލެވެނީ،” ނިޒާރު ވިދާޅުވިއެވެ. އައްޑޫގައި މިހާރު ފަށަން ތައްޔާރުވަމުންދާ އަދި އަމަލީ މަސައްކަތް ކުރިއަށްދާ ބައެއް މަޝްރޫއުތައް ނިޒާރު ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އައްޑޫގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތެވެ. އަދި މަގު ހެދުން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށް، މީހުން ގެނައުން ފަދަ މަސައްކަތް ފަށާފައިވާ ކަަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން، އިދިކޮޅު ފަރާތްތަކަށް ފެނިފައި ވާނެ މަސައްކަތްތަކުގެ ތެރޭގައި އެކި ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިމެނޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. “އެކަންކަން އެ ބޭފުޅުން ބެއްލެވީމަ ފެންނާނެ. އެބޭފުޅުން ހިތަދޫއިން ގަމަށް ވަޑައިގެންނެވި އިރު ފެންނާނެ މަރަދޫފޭދޫ ބަނދަރު ހަދަމުންދާ ތަން. މަރަދޫ ބަނދަރު ނިމިފަ ހުރިތަން. ހިތަދޫ ބަނދަރުގަ މަސައްކަތް ކުރާތަން. މީދޫ ބަނދަރު ނިމިފަ ހުރިތަން. ހުޅުދޫ ބަނދަރު ހަދާތަން. ހުޅުދޫ މަސް ފެކްޓަރީގެ ޗެނަލް ޑްރެޖު ކުރާތަން،” ނިޒާރު ވިދާޅުވިއެވެ. ނިޒާރު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި “އައްޑޫގައި އެއްވެސް ކަމެއް ހިންގާފައި ނުވެ”އެވެ. އަދި އެ ސަރުކާރުގައި އެންމެ ބޮޑު މަޝްރޫއަކަށް ކުރިއަށް ގެންދިޔައީ ފޭދޫގެ ބިން ހިއްކުން ކަމަށާއި އެއަށް ވުރެ ބޮޑުކޮށް މި ސަރުކާރުން އެ މަސައްކަތް ކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. “ޔާމީންގެ ސަރުކާރުގައި ކުރި މާ ބޮޑު ކަމެއް އަޅުގަނޑަކަށް ފެންނާކަށެއް ނެތް. ވީމާ އެ ބޭފުޅުން ތަރައްގީއޭ ކިޔައިގެން އައްޑޫ ރައްޔިތުންނަށް އޮޅުވާލަން ވާހަކަ ނުދެއްކުން ރަނގަޅު ވާނީ،” ނިޒާރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!