މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) / ފޮޓޯ: މަޖިލިސް

ބަރުލަމާނީ ނިޒާމް ގެންނަން ގޮވާލާ ޕެޓިޝަނެއް ހަދަން ފަށައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި، ރަޢީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ޕެޓިޝަނެއް ހުށަހަޅަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ފަށައިފިއެވެ. މި ޕެޓިޝަންގައި ސޮއިކުރުން މިއަދު ހަވީރު 04:00 ގައި މާލޭގައި ހުންނަ ތޫމް ރެސްޓޯރަންޓުގައި ވަނީ ފަށާފައެވެ. ޕެޓިޝަން ކަންތަކުގައި އިސްކޮށް އުޅުއްވާ މާފަންނު މެދުދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓީގައި ވެސް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވައުދުވެފައިވާ ކަމަށެވެ. އަދި މި ޕެޓިޝަނަކީ އެ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެއް ކަމަށް އޭނާ ވިދާޅުވެއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ހަވާލުކުރުމަކީ އަބަދުވެސް އެމްޑީޕީގެ ތެރޭގައި އޮންނަ ކަމެއް ކަމަށެވެ. މިހާރު ރާއްޖޭގެ ވެރިކަމުގެ އޮއިވަރު އޮތީ ރައްޔިތުންގެ ވެރިކަމާ ދުރައް ކަމަށާ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަޖިލީހުން ފާސްކުރާ ގާނޫނުތައް ތަންފީޒު ނުވެ 2 އަހަރު 3 އަހަރު ވެގެން ދިއުން ކަމަށް ބޮންޑޭ ވިދާލުވިއެވެ. ބޮންޑޭ ވިދާޅުވީ ރާއްޖޭގައި ފާހަގަކުރަމުން ދާ މިނިވަން ދުވަސް (ޖުލައި 26) ވެސް ލިބުނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާ ބަރުލަމާނީ ނިޒާމުގައި ރައްޔިތުން ބޭނުންވާ ކަންކަން ވަގުތުން ކުރެވޭނެ ކަމަށެވެ. އަދި މީގެ 13 އަހަރު ކުރިން ވެރިކަމުގެ ނިޒާމު ދަމަހައްޓަންވީ ގޮތް ބެލުމަށް ނެގި ވޯޓުގައި ރިޔާސީ ނިޒާމަކީ ކޮބައިކަމާ އަދި ބަރުލަމާނީ ނިޒާމަކީ ކޮބައިކަން ރަނގަޅަށް ތަފްސީލުކޮށް ދީފައި ނުވާކަމަށް ބޮންޑޭ ވިދާޅުވިއެވެ. ބޮންޑޭ ވިދާޅުވީ މި ޕެޓިޝަނުގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ސޮއި ކުރެވޭނެ ކަމަށާ ކޮންމެ ރަށެއްގައި މިކަން ކުރުމަށް ބޭނުންވާނަމަ ފޯކަލް ޕޮއިންޓެއް ހަމަޖައްސާނެ ކަމަށެވެ. މިއަދު ފެށި ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނަކަށް ވާއިރު، ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ގެނެސް ބޮޑުވަޒީރަކަށް ވެވަޑަައިގަންނަވާށެވެ. ނިޒާމުގެ މައްސަލައިގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!