ރާއްޖެ ޒިޔާރަތް ކުރި ތުރުކީގެ މީޑިއާ ޓީމު

އިޝްތިހާރުކުރަން ތުރުކީގެ މީޑިއާ ޓީމެއް ރާއްޖެއަށް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތުރުކީގައި މާކެޓުކޮށް އިޝްތިހާރު ކުރުމުގެ ބޭނުމުގައި ތުރުކީގެ މަޝްހޫރު ލިޔުންތެރިންނާއި ޖާނަލިސްޓުން ހިމެނޭ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް މިމަހުގެ 16 ވަނަ ދުވަހު ރާއްޖެ އައި ތުރުކީގެ ޓީމު، ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ތުރުކީން ރާއްޖެ އައި ޓީމުގައި ޓްރެވެލް މެގަޒިންތަކުގެ ލިޔުންތެރިންނާއި, ޖާނަލިސްޓުން އަދި އާޓް އެޑިޓަރުން ހިމެނެ އެވެ.

މި ޓީމުން ޖޯލި މޯލްޑިވްސް، މިރިހި އައިލެންޑް ރިސޯޓު އަދި ފިނޮޅު ރިސޯޓުން ލިބެން ހުންނަ ތަފާތު ހިދުމަތްތައް ތަޖުރިބާކޮށް އެކަމާ ގުޅޭ ލިޔުންތައް ޝާއިއު ކުރާނެ އެވެ. އަދި ވަކިން ހާއްސަކޮށް އެ ރިސޯޓުތަކުގެ ހާއްސަ “ވެލްނެސް ފެސިލިޓީ” ތަކުގެ މައުލޫމާތު ހޯދާނެ އެވެ.

މި ޓީމުން ކުރާ ތަޖުރިބާތަކުގެ ތެރޭގައި މެރީން ބަޔޮލޮޖިސްޓުންނާއެކު ސްނޯކްލްކުރުމާއި، ވޯޓާ ސްޕޯޓްސް އަދި “މޫވީ އަންޑާ ދަ ސްޓާސް” ފަދަ ރާއްޖެއަށް ހާއްސަ ތަޖުރިބާތައް ހިމެނެ އެވެ. އަދި ރިސޯޓު ތަކުން ލިބެން ހުންނަ އެކި ގައުމު ތަކުގެ ކެއުންތައް ވެސް މި ޓީމުން ތަޖުރިބާ ކުރާނެ އެވެ.

ތުރުކީގެ ޓީމުގައި އެ ގައުމުގެ މަޝްހޫރު ނިއުސް އެޖެންސީތަކުގެ ނޫސްވެރިން ހިމެނެ އެވެ. އެހެންކަމުން މި ޓީމުން ޝާއިއުކުރާ ލިޔުންތައް ތުރުކީގެ ބަޖެޓް ފަތުރުވެރިންނާއި މަތީ ފަންތީގެ ފަތުރުވެރިންނަށް ވެސް ފޯރުވާނެ އެވެ.

މި ދަތުރަށްފަހު ތުރުކީ ޓީމު އެނބުރި ގައުމަށް ގޮސް އެ ގައުމުގެ މަތީ ފަންތީގެ ފަތުރުވެރިންނަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް އަދި ތަޖުރިބާތައް އިޝްތިހާރުކުރުމާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތް އިޝްތިހާރުކުރާނެ އެވެ.

ތުރުކީ މާކެޓަށް އަމާޒުކޮށްގެން ހިންގާ މި ކެމްޕެއިން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރްސީން ވަނީ ނިންމާފަ އެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ވިޒިޓް މޯލްޑިވްސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިމަހުގެ 17 އާއި ހަމައަށް 695,396 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ ޖުމުލަ 388,686 ފަތުރުވެރިންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!