މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރު ކުންފުނިތަކުގެ ދަރަނި ކުޑަކުރުމަށް މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: މަޖިލިސް

ކުންފުނިތަކުގެ ދަރަނި ކުޑަކުރަން މަޖިލިސް ތެދުވެއްޖެ

ސަރުކާރު ކުންފުނިތަކުގެ ދަރަނި ކުޑަ ކުރަން ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް (އެސްއޯއީ) ކޮމިޓީން އިސް ނަގައިފި އެވެ.

ދިވެހި ސަރުކާރު ހިއްސާވާ 32 ކުންފުންޏެއްގެ މާލީ ރިޕޯޓު އައިއެމްއެފުން ވަނީ ދިރާސާ ކޮށްފަ އެވެ. އަދި ނެރުނު އިވެލުއޭޝަން ރިޕޯޓެއްގައި ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތާ ބެހޭ ގޮތުން ބުނެފައިވަނީ އެ ކުންފުނިތަކުގެ ޖުމްލަ އެސެޓުގެ އަގަކީ 113 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ތެރެއިން ދަރަނީގެ ނިސްބަތަކީ 67 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 84 ޕަސެންޓެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީންގެ މުގައްރަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެއީ ކޮވިޑްގެ ހާލަތުގައި އާމްދަނީ އިތުރު ކުރަން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބަރޯސާ ވަނީ ދަރަނިވެފައިވާ ސަރުކާރުގެ ކުންފުނިތަކަށް ކަމަށްވާތީ އެވެ.

އިލްޔާސް ވިދާޅުވީ ކޮމިޓީން މި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ދަރަނިތައް ބަލައި ދިރާސާކޮށް، ރިކޮމަންޑޭޝަންތަކެއް ދޭން ނިންމާފައިވާނެ ކަމަށެވެ. ނަމަވެސް އަވަސް މުސްތަގުބަލެއްގައި ދަރަނިތައް ދައްކައި ނުނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތައް ދަރަނިވެރިވުމުގެ ސަބަބުން މޫޑީސްއިން ރާއްޖެ ރޭޓް ކުރާވަރު ދަށްވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ ސަބަބުން ރާއްޖެއަށް ކުޑަ އިންޓްރަސްޓެއްގައި ލޯނު ހޯދަން ދަތިވާނެ ކަމަށާއި ގައުމު އިތުރަށް ދަރަނިވެރިވަމުންދާނެކަން އިލްޔާސް ފާހަގަކުރެއްވި އެވެ.

“ސަރުކާރުގެ ކުންފުނިތައް އިތުރަށް ދަރަނިވެރިވެ، ލޯނުތައް ނުދެއްކޭނަމަ އެހެން ކުންފުނިތަކަށް ސަވައިވްވާން އުނދަގޫވާނެ.” އިލްޔާސް ވިދާޅުވި އެވެ.

ރާއްޖޭގެ ކުންފުނިތަކުގެ ދަރަނި ކުޑަކުރުމަށް، ރީ ސްޓަރކްޗާ ކުރުމަށް އައިއެމްއެފް އާއި ވޯލްޑް ބޭކް ގެ އެހީއާ އެކުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!