ކަރިމް ބެންޒެމާ: ކޮންޓްރެކްޓް އާކުރީ 2023 އާއި ހަމައަށް

ބެންޒެމާގެ ކޮންޓްރެކްޓް އާކޮށްފި

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

ބެންޒެމާގެ ކޮންޓްރެކްޓް އާ ކޮށްފައި ވަނީ 2023 ގެ ނިޔަލަށެވެ. މީގެ ކުރިން ރެއާލާއެކު ފްރާންސްގެ ސްޓްރައިކަރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގެ ނިޔަލަށެވެ. އެހެން ކަމުން އާ ކޮންޓްރެކްޓާއެކު އިތުރު އެއް އަހަރު ރެއާލްގައި ބެންޒެމާ މަޑުކުރާނެ އެވެ.

ކްރިސްޓިއާނާ ރޮނާލްޑޮ ރެއާލްއިން ވަކިވި ފަހުން ފާއިތުވި ތިން އަހަރު ރެއާލްގެ މައި ސްޓްރައިކަރަކަށް ބޭނުން ކޮށްފައި ވަނީ ބެންޒެމާ އެވެ. މި ތިން އަހަރުގެ ބެންޒެމާގެ ފަރާތުން ރަނގަޅު ކުޅުމެއް ވެސް ފެނުނެވެ.

އުމުރުން 33 އަހަރުގެ ބެންޒެމާ ލިއޯނަގައި ހުރުމަށް ފަހު ރެއާލްއަށް ސޮއި ކުރީ އުމުރުން 21 އަހަރުގައި 2009 ވަނަ އަހަރު އެވެ. ތިރީސް ހަ މިލިއަން ޔޫރޯއަށް ބެންޒެމާ ރެއާލް އާއި ގުޅުނު އިރު އޭނާއާއެކު ރޮނާލްޑޯ އަދި ކަކާ ވެސް ވަނީ އެފަހަރު ރެއާލް އާއި ގުޅިފަ އެވެ.

ބެންޒެމާ ރެއާލްގައި ޖުމްލަ 12 އަހަރު ހޭދަކުރި އިރު، އޭނާ ވަނީ 13 ސީޒަންގައި ކުޅެފަ އެވެ. އަދި ރެއާލްއަށް 560 މެޗު ކުޅެދީ ބެންޒެމާ ވަނީ 281 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. މިހާރު ބެންޒެމާ އޮތީ ރެއާލްއަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ފަސް ވަނައިގަ އެވެ. ކްލަބުގެ ކޮންޓްރެކްޓްގައި ކުރިއަށް ދެއަހަރު އޮތް އިރު 27 ގޯލު ކާމިޔާބު ކޮށްގެން ސެންޓިލާނާ (290) އާއި ސްޓެފާނޯ (308) ގޯލުގެ ރެކޯޑު ފަހައި ތިންވަނައަށް އެރުމުގެ ފުރުސަތު ބެންޒެމާއަށް އެބައޮތެވެ.

ފާއިތުވި ތިންމަސް ތެރޭގައި ބެންޒެމާގެ އިތުރުން ރެއާލްގެ މުހިންމު ފަސް ކުޅުންތެރިއެއް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އެއީ ލުކާ މޮޑްރިޗް (2022)، ލުކަސް ވަޒްކުއެޒް (2024)، ނާކޯ ފެނާންޑެޒް (2023)، ޑެނީ ކަވާހަލް (2025) އަދި ތިބޯޓް ކޯޓުއާ (2026) އެވެ.

މި ކުޅުންތެރިންނާއި ހިލާފަށް މާސެލޯ، ބޭލް އަދި އިސްކޯގެ ކޮންޓްރެކްޓް އާ ކޮށްފައެއް ނުވެ އެވެ. ކޮންޓްރެކްޓް އާ ނުކޮށްފި ނަމަ މިއަންނަ ސަމާ ޓްރާންސްފާ މާކެޓުގައި އެ ކުޅުންތެރިން ރެއާލް އަތުން ބީވެގެން ދާނީ ފްރީ އޭޖެންޓުންގެ ގޮތުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!