ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ): ޑްރަގް ރިހެބް ތަކުގެ ހާލު ބަލަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމާފައިވޭ --- އަވަސް ފޮޓޯ

ރިހެބް ސެންޓަރުތަކުގެ ހާލަތު ބަލަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “ޗޭންޖް އެންޑީއޭ 2020” ޕެޓިޝަން ދިރާސާ ކުރަން ޕެޓިޝަން ކޮމިޓީން ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތު ބަލަން ނިންމައިފި އެވެ. މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައި ވަނީ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައި ވަނީ 1050 ސޮޔާ އެކުގަ އެވެ. މިކަމާ ގުޅޭ ގޮތުންޕެޓިޝަން ކޮމިޓީން ވަނީ އިއްޔެ ބަޔާނެއް ނެރެފަ އެވެ. ބަޔާނުގައި ބުނެފައި ވަނީ ޕެޓިޝަން ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން މިއަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ފެށި ކަމަށެވެ.

އަދި ޕެޓިޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށާއި، އޭގެ ދަށުން ހިންގަމުން އަންނަ ރިހެބް ސެންޓަރުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ދެނެގަތުމަށް ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެގޮތުން ހުޅުމާލޭގައި ހުރި ހާފްވޭ ހައުސްއަށާއި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ، ހދ. ހަނިމާދޫ އަދި ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ރިހެބް ސެންޓަރުތަކަށް ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި ކ. ގުޅީގައި ގާއިމްކޮށްފައިވާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރަށާއި، މާލޭގައި ހުންނަ އެންޑީއޭގެ މައި މަރުކަޒަށް ޒިޔާރަތްކުރަން މިހާރު ވަނީ ނިންމާފައި ކަމަށެވެ

މަސްތުވާތަކެތީގެ މައްސަލަތަކަކީ މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލަ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އާއިލާތަކުން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޗޭންޖް އެންޑީއޭ 2020 ޕެޓިޝަނެއް މަޖިލީހަށް ހުށައަޅާފައިވަނީ ޝޯޝަލް މީޑިއާގައި އެންޑީއޭ އަށް ބޮޑެތި ފާޑުކިތުންތައް އަމާޒުވެފައި ވަނިކޮށެވެ. އެންޑީއޭގެ ބޯޑު ބަދަލު ކުރުމަށާއި ރިހެބް ސެންޓަރުގައި ދެވޭ ފަރާވާ ހަރުދަނާ ކުރުމަށް ގިނަ ބަޔަކު ގޮވާލާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!