ޓެސްކްޓް ފޮޮތްތަކެއް ލިބިގެން ބަޔަކު އެ ޗެކްކުރަނީ / ފޮޓޯ: އެޑިއުކޭޝަން

ނުލިބި ހުރި ޓެކްސްޓް ފޮތްތައް ލިބިއްޖެ ކަމަށް އެޑިއުކޭޝަނުން ބުނެފި

ދިރާސީ އާ އަހަރު ފެށި 2 ހަފްތާ ދިޔަ އިރުވެސް ހުރިހާ ޓެކްސްޓް ފޮތްތައް ހަމަ ނުވާ މައްސަލައިގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ފޮތްތައް ލިބިއްޖެ ކަމަށް އެޑިއުކޭޝަނުން ބުނެފިއެވެ. އެ މިނިސްޓްރީން ފޮޓޯތަކެއް އާންމުކޮށް ބުނީ، މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު މިނިސްޓްރީއަށް ލިބިފައި ވާ ކަމަށެވެ. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށްވެސް ބުނެއެވެ. ދިރާސީ އަހަރު ފެށި 2 ހަފްތާ ވީ އިރު އިސްލާމް މާއްދާގެ ޓެކްސްޓް ފޮތްތައް ދަރިވަރުންނަކަށް ނުލިބެއެވެ. އެ ފޮތްތައް ނުލިބޭތީ މައިންބަފައިންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބެލެނިވެރިންނާއި މައިންބަފައިންގެ ކަންބޮޑުވުންތަކާ ހެދި އެޑިއުކޭޝަނުން އާންމު ކުރި ފޮޓޯތަކުން ފެންނަނީ ގުދަނެއްކަހަލަ ތަނެއްގައި ހުރި ފޮށިގަނޑުތަކެއް ކަނޑައިގެން 3 މީހަކު އުޅޭ ތަނެވެ. އެ ފޮށިގަނޑުތަކުގައި ހުރި ފޮތްތަކެއް ފެންނަ އިރު އޭގެ ތެރޭގައި “އިސްލާމީ ތަރުބިއްޔަތުގެ މަސައްކަތު ފޮތް” އަދި އެހެން ދިވެހި ފޮތެއް ފެންނަން އޮތެވެ. އެއީ “އިސްލާމީ ތަރުބިއްޔަތުގެ އަތްމަތީ ފޮތް” ކަމުގައި ބެލެވެއެވެ. މިއަހަރުގެ ދިރާސީ އަހަރު ފަށާފައި ވަނީ މިހިނގީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ކޮވިޑް-19 ގެ ހާލަތަށް ލިބުނު ބޮޑު ލުޔާއެކު، ޕޮޒިޓިވް ކޭސްތައް މަދުވެފައި ވުމުން ސްކޫލުތަކުގައި ކިޔަވައި ދެނީ ދަރިވަރުން ހާޒިރު ކޮށްގެންނެވެ. މާލެއާއި އަތޮޅުތެރޭގައި ކިޔެވުން ފަށާފައި ވާއިރު، ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓީޗަރުން ވެކްސިން ފުރިހަމަ ކުރުމާއި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް މިހާރު ވަނީ ފަށާފައެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ދެހަފްތާ ދިޔަ އިރު ފޮތްތައް ހަމަ ނުވި އިރު މިދިޔަ ދިރާސީ އަހަރުވެސް ހުރިހާ ގްރޭޑަކަށް ފޮތްތައް ހަމަވީ ކިިޔެވުން ފެށިގެން 3 ހަފްތާ ވަނިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!