ފޮނަދޫގެ މަގެއް. ފޮނަދޫގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި އޮކްޓޫބަރުގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނޭ -- ފޮޓޯ: އަޒްހާރު

ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހި އޮކްޓޫބަރުގައި ނިމޭނެ

ލ. ފޮނަދޫގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަަސައްކަތް އަންނަ އޮކްޓޯބަރު މަހު ނިމޭނެކަށް އެ މަޝްރޫއު ހިންގަމުންދާ އެމްޓީސީސީން ބުނެފި އެވެ.

ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށް އެރަށަށް އިއްޔެ ކުރެއްވި ޒިޔާރަތަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ މަޝްރޫއުގައި ނުނިމި ހުރީ ކުދިކުދި މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން މިހާރު ނުނިމި ހުރީ ދުވާރު ނިންމުމުގެ މަސައްކަތާއި، މަގުތަކުގެ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތައް އަންނަ އޮކްޓޫބަރު މަހު ނިންމާލެވޭނެ ކަމަށެވެ.

ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު އެވެ. ނަމަވެސް މަސައްކަތް ހުއްޓި ދިގުލައިގެންދާތީ އެ މަޝްރޫއު ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ މޭ މަހު އެވެ. ޖުމްލަ 25.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ އިތުުރުން ސްޕީޑް ބްރޭކަރު ހަރުކޮށް މަގުމަތީގެ ނިޝާން ހަރުކުރާނެ އެވެ.

ފޮނަދޫގައި މަގުތައް ހެެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 13 މަގެއް ހަދާނެ އެވެ.

ފޮނަދޫގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހި ނިމުމަކާ ހިސާބަކަށް ގޮސްފައިވާ އިރު އެމްޓީސީސީން މިހާރު ދަނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފެށުމަށް ތައްޔާރު ވަމުންނެވެ. މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިިދިޔަ ޖެނުއަރީ މަހު އެވެ.

އާޒިމް ވިދާޅުވީ ދެވަނަ ފިޔަވަހީގެ މަސައްކަތް އެންވަޔަރަަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިމުނުހާ އަވަހަކަށް ފަށާނެ ކަމަށެވެ.

“މިހާރު މިވަނީ ދެވަނަ ފިޔަވަހީގެ ކާސްޓިން ތަކުގެ މަސައްކަތްތައް އެމްޓީސީސީގެ ސައިޓުގައި ފަށާފައި. އީއައިއޭގެ މަސައްކަތް އަންނަ މަހު ނިންމާ، އޮކްޓޯބަރުގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް އަމަލީގޮތުން ފެށުމަށް ދަނީ ތައްޔާރުވަމުން” އާޒިމް ވިދާޅުވި އެވެ.

ފޮނަދޫގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 53.99 މިލިއަން ރުފިޔާ އަށެެވެ. ދެވަނަ ފިޔަވަހީގެ ދަށުން 3.64 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ އިތުުރުން ސްޕީޑް ބްރޭކަރު ހަރުކޮށް މަގުމަތީގެ ނިޝާން ހަރުކުރާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!