ރޮބާޓް ލެވަންޑޮސްކީ: މިހާރު ބޭނުންވަނީ އާޗެލެންޖު ތަކެއް

ލެވަންޑޮސްކީގެ ވިސްނުން ބަޔާން ދޫކޮށްލުމަށް

ބަޔާން މިއުނިކްގެ ސްޓްރައިކާ ރޮބާޓް ލެވަންޑޮސްކީ އެކްލަބް ދޫކޮށް އެހެން ޓީމަކާ ގުޅުމުގެ މަސައްކަތް ފަށައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލެވަންޑޮސްކީ އެހެން ކްލަބަކަށް ބަދަލުވާން މަސައްކަތް ކުރަމުންދަނީ ބުންޑަސްލީގާ ފިޔަވާ އެހެން މުބާރާތެއްގައި ވާދަކޮށް އިތުރު ކާމިޔާބީތަކެއް ހޯދުމަށެވެ.

މިއަންނަ ހޮނިހިރު ދުވަހު 33 އަހަރު ފުރޭ ލެވަންޑޮސްކީ ބަޔާން އާއި އެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ގަ އެވެ.

ބަޔާން އިން ހުރީ ލެވަންޑޮސްކީ ދޫކުރާ ގޮތަށް ނޫން ކަމުން މިހާރު އޭނާ އެހެން ކްލަބަކަށް ބަދަލުވާނަމަ ޓްރާންސްފާ ފީއެއްގެ ގޮތުގައި 100 މިލިއަން ޔޫރޯ ބަޔާންއަށް ދައްކަން ޖެހޭނެ އެވެ.

ލެވަންޑޮސްކީ އެހެން ކްލަބަކަށް ބަދަލުވާން ބަޔާން އިން އެއްބަސް ނުވުމުން އޭނާ ހުރީ އެކަމާއި ވަރަށް ހިތްހަމަނުޖެހިފަ އެވެ. ނަމަވެސް ގަދަބާރުން ޓީމު ލައްވައި އެކަން ނުކުރާނެ ކަމަށް ލެވަންޑޮސްކީ ވަނީ ބުނެފަ އެވެ.

މިދިޔަ މަހުން ފެށިގެން ބަޔާންގެ ކުރީގެ ކޯޗު އަދި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަންނަނީ ލެވަންޑޮސްކީގެ ހާލަތު ވަރަށް ކައިރިން ބަލަމުންނެވެ. އަދި ޓޮޓެންހަމްގެ ހެރީ ކޭން ސިޓީއަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބު ވެއްޖެ ނަމަ ލެވަންޑޮސްކީ ސިޓީއަށް ގެންދިއުމަށް ގާޑިއޯލާ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ޓްރާންސްފާ މާކެޓް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ސިޓީން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ ކޭން އެޓީމަށް ގެނެވޭތޯ އެވެ.

މި ސީޒަން ފެށުނު ފަހުން ލެވަންޑޮސްކީ ވަނީ ބަޔާން އަށް ތިންގޯލު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ތެރެއިން ދެ ގޯލަކީ ޖާމަން ސުޕާ ކަޕްގައި ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން ވާދަކުރި މެޗުގައި ލެވަންޑޮސްކީ ކާމިޔާބުކުރި ދެ ގޯލެވެ.

ބަޔާންގައި ލެވަންޑޮސްކީ ހޭދަކުރި ހަތް އަހަރު ތެރޭގައި އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ސެންޓަ ފޯވާޑުންގެ ލިސްޓަށް އަރާފަ އެވެ. ލެވަންޑޮސްކީ ވަނީ ބަޔާންގައި 18 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި 2019-20 ޗެމްޕިއަންސްލީގާއި ހަތް ފަހަރު ބުންޑަސްލީގާ ކާމިޔާބު ކުރުން ފާހަގަކުރެވެ އެވެ. އަދި މިދިޔަ ސީޒަންގައި 41 ގޯލު ކާމިޔާބުކޮށް ލެވަންޑޮސްކީ ވަނީ ބުންޑަސްލީގާގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑު ހަދާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!