ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް

13 އަހަރު ކުއްޖާގެ ފޮޓޯތައް ނުބެލީ ޕްރެސްގައި ވާހަކަ ނުދެއްކިދާނެތީ: ޝަމީމް

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުލޫމާލެ ފޭސް2 ގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ ތަހުގީގީ ރިޕޯޓުގައި ހުރި ބަޔާންތައް ވިދާޅުވުމަށް ފަހު އެކުއްޖާގެ ފޮޓޯތައް ނުބެއްލެވީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ނުދެއްކެވިދާނެ ކަން އެނގިވަޑައިގަތުމުން ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. މިއަދު 13 އަހަރު ކުއްޖާގެ މަރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޝަމީމް ވިދާޅުވީ، ބަޔާންތައް ވިދާޅުވުމުން ވެސް ވަރަށް ފުން އަސަރުތަކެއް ކޮށް އޭނާއަށް ވަރަށް އުނދަގޫ އިހްސާސްތަކެއް ކުރި ކަމަށެވެ. މީގެ ކުރިން މިފަދަ މައްސަލައަކާ ގާތްކުރާ ފަދަ މައްސަލައެއްގައި ޝަމީމް ވަނީ މަސައްކަތް ކުރައްވާފައި ކަަމަށާއި އެއީ އިބްތިހާލްގެ މަރުގެ މައްސަލަ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ މައްސަލައިގައި ޝަމީމް މަސައްކަތް ކުރެއްވީ ދިފާއީ ވަކީލެއްގެ ގޮތުގައެވެ. އިބްތިހާލް މައްސަލައިގައި މަސައްކަތް ކުރެއްވި އިރު ވެސް އޭނާއަށް ވަރަށް ބޮޑަށް އުނދަގޫ އިހުސާސްތަކެއް ކުރި ކަމަށާއި މި މައްސަލައިގައި ވެސް އެފަދަ އިހްސާސްތަކެއް ކުރި ކަމަށް ޝަމީމް ވިދާޅުވިއެވެ. 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ފުލުހުން ފޮނުވި ބަޔާންތައް ވިދާޅުވުމުން ހަމަ އެފަދަ އިހްސާސްތަކެއް ކުރި ކަމަށް ޝަމީމް ވިދާޅުވިއެވެ. މިއީ އެއްގޮތަކަށް ވެސް މި ރާއްޖޭގައި ހިނގައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށާއި މިއީ ވަރަށް ދެރަ ކަންތައްތައް ކަމަށް ޝަމީމް ވިދާޅުވިއެވެ. 13 އަހަަރުގެ ކުއްޖާގެ މައްސަލައިގައި ހިނގާފައި ހުރި ކަންކަމަށް ބަލާލިއަސް އެއީ ގަބޫލުކުރަންވެސް ދަތި ކަންކަން ކަމަށް ޕީޖީ ފާހަގަ ކުރެއްވިއެވެ. މި މައްސަލަ ތަހުގީގު ކުރި ފުލުހުންނާއި ޕްރޮސެކިއުޓަރުންނަށް ކުރާނެ އަސަރުތައް އަންދާޒާ ކޮށްލެއްވޭ ކަމަށް ޕީޖީ ވިދާޅުވިއެވެ. ބަޔާންތައް ލިބިވަޑައިގަތުމުން އެ ވިދާޅުވުމަށް ފަހު މި މައްސަލައިގައި ހުށަހަޅާފައިވާ ފޮޓޯތައް ނުބެއްލެވެސް ޕްރެސްގައި ވާހަކަ ދައްކަވަން ވެސް ދަތި ވެދާނެތީ ކަމަށް ޝަމީމް ވިދާޅުވިއެވެ. މިއަދުގެ ޕްރެސްގައި ޝަމިމް ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27 އަހަރު)ގެ މައްޗަށް ކުރެވޭ ދައުވާ ތަކާ އެކު އޭނާގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަަމށް ވިދާޅުވެފައެވެ. އޭނާއަށް ކުރާ ދައުވާތަކުގެ ތެރޭގައި ކުޑަކުދިން ގްރޫމް ކުރުމާއި، މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާ ކުރުމާއި، ކުޑަކުއްޖަކު ލައްވާ ކުށް ކުރުވުމާއި، ގަސްތުގައި މީހަކު މަރާލުމައި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ފަދަ ދައުވާތައް ހިމެނެއެވެ. 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މަރާލުމާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ހިމެނެއެވެ. ކުޑަކުދިން ބޭނުންކޮށްގެން ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ވަރަށް ސާފު މެސެޖެއް ދޭން ބޭނުންވެވަޑައިގަންނަވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ، އޭނާ ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް “ކުޑަކުދިން ބޭނުން ކޮށްގެން ކުށްކޮށް އެ ސަކަރާތް ނުޖެހޭނެ” އެވެ. އަދި އެކަން ކުރަން ޖާގަ ނުދެއްވާނެ ކަަމަށާއި ހަމަ ކިރިޔާވެސް ދައުވާއެއް ކުރެވެން އޮތިއްޔާ ދައުވާ ކުރައްވާނެ ކަމަށް ޝާމީމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!