ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް

13 އަހަރުގެ ކުއްޖާގެ މަރު މައްސަލައިގައި ހައްޔަރުކުރަންޖެހޭ އިތުރު މީހަކު ނެތް: ޕީޖީ

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ތިބި މީހުންގެ އިތުރުން އިތުރު ބަޔަކު މި މައްސަލައިގައި ހިމެނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުއްޖާގެ މަރާ ގުޅޭ މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ މީހުން މިހާރު ހޯދިފައިވާ ކަމަށެވެ. ތަހުގީގީ މަރުހަލާއިން އިތުރު ބަޔަކު ފާހަގަވެފައި ނުވާ ކަމަށާއި އެހެންކަމުން އިތުރު ބަޔަކު އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ދެ މީހަކަށެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27) އަދި 17 އަހަރުގެ ކުއްޖެކެވެ.

ޕީޖީ ވިދާޅުވީ މި މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ހުރިހާ ދައުވާއެއް ސާބިތު ނުކުރެވުނު ނަމަވެސް މުހިއްމު ދައުވާތައް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އަވަހަށް ޝަރީއަތް ފެށިއްޖެނަމަ ދައުވާތައް ސާބިތުކުރާން ރަނގަޅު ފުރުސަތެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

“މި މައްސަލައަށް ބަލާއިރު ރަނގަޅަށް ހެކިބަސް ލިބޭ ގިނަ ދައުވާތައް ސާބިތުކުރާން. އަޅުގަނޑުމެން ބޭނުންވަނީ ތަގުވާވެރިން ނޫނީ މުދިމުން ހެކިންގެ ގޮތުގަ ގެންނަން. އެކަމަކު އަޅުގަނޑު މިދަންނަވަނީ ކުށްކުރާން އުޅެނީ މީހުންނޭ. ކުށްކުރާ މާހައުލުގައި އުޅޭނީ ކުށްކުރާ މީހުނޭ. އެހެންވީމަ ހެކިން ގޮތުގައި ވެސް ތިބޭނީ ކުށްކުރާ މީހުން ނުވަތަ ކޮންމެވެސް ވަރަކަށް އެކަހަލަ ކަންކަމަކުގައި އުޅެފަ ތިބި މީހުން،” ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ މީހުންގެ ހެކިބަސް ނެގުމަށް ވަކި ގަވާއިދުތަކެއް ހެދިފައިވާ ކަމަށާއި އެފަދަ މީހުންގެ ހެކިބަސް ނަގާނީ ހެދިފައިވާ ނިޒާމުގެ ތެރެއިން ކަމަށެވެ.

ޒިހާން އަކީ ގޭންގަކަށް ނިސްބަތްވާ މީހަކަށްވާއިރު މިފަދަ މައްސަލަތަކަށް ނުފޫޒުތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. ކުށްކުރަނީ ގޭންގަކުން ނޫން ކަމާއި އެކަން ކުރަނީ މީހުން ކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ އެފަދަ މީހުންގެ ތެރެއިން ހެކި ހޯދަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގެ ޒިހާންގެ މައްޗަށް 13 ދައުވާއެއްް ވަނީ އުފުލާފަ އެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ގްރޫމްކުރި ކަމުގެ ކުށުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ފަސް ދައުވާ، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރި ކުށުގެ ދައުވާ، މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ އަަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް ވެސް ހިމެނެ އެވެ.

މި ދައުވާތައް ސާބުތުވެއްޖެ ނަމަ ގާތްގަނޑަކަށް 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.

މި މައްސަލައިގައި 17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!