ދަރިވަރަކު ރުއިމުން ސްކޫލުން ވަކިކުރި ކަމަށް ބުނާ ވާހަކަ އެކްސެލްއިން ދޮގުކޮށްފި

ދަރިވަރަކު ރުއިމުން ސްކޫލުން ކަނޑާލީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެކްސެލް އިންޓަނޭޝަނަލް އިން ދޮގުކޮށްފި އެވެ. އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ސްކޫލަށް ގޮސް ރޮއެ ހަދާފައިވާތީ އެކުއްޖާ ސްކޫލުން ކަނޑާލާފައިވާ ކަމަށް އަންގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ފޮނުވި މެސެޖެއް ކުއްޖާގެ ބައްޕަ ވަނީ ޓުވިޓާގައި ހިއްސާ ކޮށްފަ އެވެ. އެ ޓުވީޓުގައި ބުނެފައިވަނީ ކުއްޖާ ސްކޫލަށް ނުދާން އަދި ސްކޫލުގައި ނީންނަން ބޮޑާ ހާކައި ރުއީ އެންމެ ދުވަހަކު ކަމަށާއި އެ ދުވަހު އެ ކުއްޖާ ސްކޫލުން ކަނޑާލައި އިތުރަށް ސްކޫލަށް ނުގެންދިއުމަށް އެދި އެކްސެލް އިން މެސެޖުކޮށްފައިވާ ކަމަށެވެ. އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ކުއްޖާގެ ބައްޕަ އަށް ކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އެކުއްޖާ އަށް ބޭނުންވަނީ އޯޕެން ޕްލޭގްރައުންޑެއް އޮންނަ ބިންމަތީން ވަދެވޭ ގޮތަށް ހުންނަ ސްކޫލެއް ކަމަށެވެ. އަދި އެފަދަ ފެސިލިޓީތައް އެ ސްކޫލަށް ލިބިފައި ނުވާތީ އެކުއްޖާ ސްކޫލުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. އެހެން ކަމުން ދެން އިތުރަށް އެ ކުއްޖާ ސްކޫލަށް ނުގެނެއުމަށް ވަނީ އެދިފަ އެވެ. މި މައްސަލައިގަ މިއަދު އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލުގެ ދަރިވަރަކު ރުއިމުން ސްކޫލުން ކަނޑާލީ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބެލެނެވެރިޔާ އާ ހިއްސާ ކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން އެކްސެލް އިން ބުނީ މިއީ ކުޑަކުއްޖަކާއި އޭނާގެ ބެލެނެވެރިޔާއާ ގުޅުން ހުރި ކަމަކަށްވާތީ އެވާހަކަ އެ ސްކޫލުގެ ފަރާތުން މީޑިއާއާ ހިއްސާ ނުކުރާނެ ކަމަށާއި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެކަން އެޑިއުކޭޝަނާ ހިއްސާ ކުރާނެ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ކަމުގެ ހަގީގަތް ނުބަލައި ހަބަރު ނުފެތުރުމަށް ވަނީ އެދިފަ އެވެ. މި މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީން މީޑިއާގައި ބުނެފައިވަނީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!