ރައީސް ސޯލިހު ވޭމަންޑޫ ސުކޫލަށް ޒިޔާރާތްކުރުން--- ފޮޓޯ:ރައީސް އޮފީހުގެ ތަރުޖަމާނު

ރައީސް ވޭމަންޑޫގެ ސުކޫލާއި ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރާތްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން އެރަށު ސުކޫލާއި ޖެންޑާ މިނިސްޓްރީގެ ދަށުން އެ ރަށުގައި ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސް ސޯލިހު ވޭމަންޑުއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ރައީސް މިއަދު ކުރެއްވި ޒިޔާރާތުގައި އެމަނިކުފާނު ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކޮށް، ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. ވޭމަންޑޫގެ ޗިލްޑްރަން ސާވިސް ސެންޓަރަކީ މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި މީހުންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ. އެ ސެންޓަރުގައި މިވަގުތު 16 އަހަރާއި 17 އަހަރާ ދެމެދުގެ ހަ ކުދިން ތިބެއެވެ. ރައީސް ސޯލިހު ވޭމަންޑޫގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރާތްކުރެއްވުން—ފޮޓޯ:ރައީސް އޮފީސް ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަތީ ވޭމަންޑޫ ސްކޫލަށެވެ. ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ސޯލިހު ވަނީ ދަރިވަރުންނާއި ސްކޫލްގެ އިސްވެރިން އަދި ޓީޗަރުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ސްކޫލަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ސްކޫލުގެ ހާލަތު ރައީސް ސޯލިހު ބައްލަވާލެއްވިއެވެ. ވޭމަންޑޫ ސްކޫލަކީ 355 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ސްކޫލެކެވެ. ގްރޭޑް 1 އިން 12 އަށް ކިޔަވާދެމުންދާ އެ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީކުރަމުންދާއިރު، އެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރަައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!