މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންދު ދުވަސްވަރު ކުށް މަދުކުރަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށަނީ

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުށްކުރުން އިތުރުވެދާނެ ކަމަށް ބަލައި، ކުށް މަދުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ އާންމުކޮށް ހިންގާ ކުށުގެ ބާވަތްތަކާއި ކުށް ހިނގާ ސަރަހައްދުތަކާއި ވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުށްމަދުކުރުމަށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގޯތިގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސްތަކުންވެސް ވައްކަންކުރަމުންދާތީ ވައްކަންކުރިޔަ ނުދިނުމަށް ނުވަތަ ވައްކަންކުރުން މަދުކުރުމަށް މާލެތެރޭގައި ދަންވަރުގެ ވަގުތުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު ބަންދުތެރޭގައި އިތުރުވާނެ ކަމަށެވެ. ވައްކަން ކުރުން މަދުކުރުމަށްޓަކައި ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަންތިބޭ މީހުންނާއި އޮޑިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސްރަށްވެހިން ފާހަގަކޮށް އެ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުވެސް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ބަންދު ދުވަސްވަރު ޓްރެފިކް ފުލުހުން ކުރަން ރާވާފައި ހުރި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، ސިނަމާލެ ބްރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަހަރައްދުތަކުގެ އިތުުރުން ކަފިހި ހުރަސްތަކުގައިވެސް ޓްރެފިކް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށްވެސް ޓްރެފިކް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ އެވެ. އިތުރަށް ސަމާލުކަން ދޭންވީ ކަންކަން އެ ޕްރޮގްރާމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ބަންދުތެރޭގައި ދަތުރުފަތުރު ކުރުން އިތުރުވާނެތީ ކަނޑުމަތީގައި މެރިން ޕޮލިސް ހަރާކާތްތެރިވާ މިންވަރު އިތުރުކޮށް، އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރު ބަލައި އުޅަނދުތަކުގައި އިތުރަށް ރަނގަޅުކުރަންހުރި ކަންކަމުގެ މައުލޫމާތު އޮޑިވެރިންނާ ހިއްސާކުރަމުންދާ ކަމަށް ފަސީހު ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!