ހަމަލާގެ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން--- ފޮޓޯ:ރައީސް އޮފީސް

ހަމަލާގެ އިންކުއަރީ ރިޕޯޓް ރައީސްއަށް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭގޮތުން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް މިއަދު އަރުވައިފިއެވެ. ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ރައީސް އޮފީހުގައި އެ ކަމަށްޓަކައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި، ރިޕޯޓް ބަލައިގަތުމަށްފަހު ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، އެ ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އިންކުއަރީ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ އެ ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވަައި، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ވިދާޅުވިއެވެ. ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރު ވިދާޅުވީ ހަމަލާގެ ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުގީގީ ސިފަތައް ނުހިމެނޭނޭހެން އެ އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާކަމަށެވެ. މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން އެކުލަވާލި ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓު އާންމުކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. ހަމަލާގެ އިންކުއަރީ ރިޕޯޓު މިއަދު ރައީސް ސޯލިހަށް އަރުވާފައި ވާއިރު، ރިޕޯޓު ރައީސް އަށް ލިބުމުގެ ކުރިންވެސް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެ ރިޕޯޓު ދިރާސާކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވަނީ ވިދާޅުވެފައެވެ. ރައީސަށް ރިޕޯޓެއް ނުލިބޭ، އިދާރާތަކުން ރިޕޯޓު ދިރާސާ ކުރަނީއިތުރަށް ވިދާޅުވުމަށް

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!