އަލީ ވަހީދު: ކްރިމިނަލް ކޯޓުން އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދަން ނިންމި މައްސަލަ މާދަމާ ހައިކޯޓުގައި ފަށަނީ -- ފޮޓޯ: އަވަސް އޮންލައިން

އަލީގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި މައްސަލަ މާދަމާ ހައިކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވާއިރު ހައިކޯޓުން މާދަމާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މެންދުރުފަހު 3:15 އަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އަލީގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ. އަލީ ވަހީދު ޝަރީއަތަށް ހާޒިރުވީ ކޮން ތަނެއްގައި ހުރެގެން ކަން ނޭނގޭ ކަމަށާއި އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ސުވާލުކުރި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އެހެންވެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ ކަމަށެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ވެސް ނޫނެވެެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ވެސް ނޫނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ފެތޭ ކަމަކަށް ޕީޖީ އޮފީހުން ގބޫލެއް ވެސް ނުކުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!