ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގެ ތެރެއިން -- ފޮޓޯ: އަވަސް

ޖިންސީ ގޯނާ ހުއްޓުވަން ހުށަހެޅި ގަރާރު ކޮމިޓީއަށް

ޖިންސީ ގޯނާތައް އިތުރުވެ އިންސާފު ލިބުން ލަސްވާތީ އިންސާފު ހޯދައިދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 32 މެމްބަރަކު ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. އަދި ހަ މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ.

ގަރާރު ބަލައިގަތުމަށް ފަހު އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީ އަށް ފޮނުވުމަށް ވެސް މިއަދު ވަނީ ނިންމާފަ އެވެ.

ގަރާރު ހުށަހަޅުއްވަމުން އާދަމް ވިދާޅުވީ ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމުގެ މައްސަލަ ފެންނަމުންދާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕް ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރުވަމުން ދިއުމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވަމުންދާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ދޭން އާދަމް ޝަރީފް ގޮވާލެއްވި އެވެ. އަދި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފާއި ފަރުވާ ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހަައްގު އަދަބު ދިނުން އަވަސް ކުރެވޭނެ ގޮތް ހޯދައިދޭން ވެސް އޭނާ ގޮވާލެއްވި އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!