ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް -- ފޮޓޯ މަޖިލިސް

ކޮންމެ ރައީސަކު އަޔަސް އިންޑިއާ ކައިރިއަށް ދާން ޖެހޭނެ: ހަލީމް

ރާއްޖޭގެ ވެރިކަމަށް ކޮންމެ މީހަކު އަޔަސް އަވަށްޓެރި އިންޑިއާ ކައިރިއަށް ދާންޖެހޭނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ. ސަންގުޓީވީގައި ރޭ ވާހަކަ ދައްކަވަމުން މެމްބަރު ހަލީމް ވިދާޅުވީ އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި ގޮތުން ބޮޑެތި ގައުމުތަކުގެ ކައިރިއަށް ނުގޮސް ނުވާނެ ކަމަށެވެ. “އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ރައީސަކު ވެރިކަމަށް އަޔަސް ހަމަ އިންޑިއާ ކައިރިއަށް ދާން ޖެހޭނެ. އަޅުގަނޑުމެން ބޮޑެތި ގައުމުތަކުގެ ކައިރިއަށް ނުގޮހެއް ނުވާނެ،” އޭނާ ވިދާޅުވިއެވެ. ހަލީމް ވިދާޅުވީ ރާއްޖެ އޮންނަނީ ޔޫއެންގެ ޗާޓަރު ތެރޭގައި ކަމަށެވެ. އަދި ޔޫއެންގެ މުއާހަދާތަކުގައި ސޮއިކޮށްގެން ކަމަށެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީ ޓްވީޓް ކުރި މައްސަލައާ ގުޅޭގޮތުން ދޮންބިލެތް ވިދާޅުވީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ހުންނަ އެމްބަސީއަކީ އެ ގައުމެއްގެ އެންމެ މަތީ ބާރުތަކުން އިހުތިރާމުކުރުމާއެކު ހިމާޔަތް ކުރަންޖެހޭ ތަންތަން ކަމަށެވެ. “އެ ދައްކާ ވާހަކައަކީ ދުނިޔޭގެ ނަޒަރުން ބަލާނަމަ ކުޑަ ވާހަކައެއް ނޫން. އެމްބަސީއެއް ގޮއްވާލާ ވާހަކައަކީ ދުނިޔޭގެ ނަޒަރުން ވަރަށް ބޮޑެތި ކަންތައް،” މެމްބަރު ހަލީމް ވިދާޅުވިއެވެ. ދޮންބިލެތް ހަލީމް ވިދާޅުވީ ޒިންމާދާރު ނުވާ ނަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ނޯންނާނެ ކަމަށާއި ދުނިޔޭގެ ބާރުގަދަ ގައުމުތަކާ މައްސަލަ ޖެހޭނަމަ އަޅުގަނޑުމެންނަށް ވަރަށް ދެރަ ގޮތްގޮތް ދިމާވެދާ ކަމަށެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ބަޔަކު ރާވައިގެން އިގްތިސޯދު ފުނޑާލާ އަޅުގަނޑުމެންގެ މި ވެރިކަން ނިކަމެތި ކޮށްލެވޭނެހާ ގޮތްތަކެއް އޮތްތޯ އެ ބަލަނީ،” ދޮންބިލެތް ވިދާޅުވިއެވެ. އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށް, ބަންދު ޖަހާފައެވެ. އޭނާއަކީ އެމްޑީޕީއަށް ނިސްބަތްވާ މީހެއް ކަމުން އެ ޕާޓީން އޭނާ ވަކިކުރުމަށްވެސް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!