13 އަހަރުގެ ކުއްޖަކު މަރާލައި ފޮއްޓަކަށް ލާ އެއްލާލާފައި އޮތް ސަރަހައްދު

13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާ އަށް މިއަދު ފޮނުވާލައިފިއެވެ. މަރާލުމަށް ފަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ސަރަހައްދުގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން ބުނެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މޯލްޑިވިއަންގެ Q2 700 ނަންބަރު ފްލައިޓުން މިއަދު 10:15 ގައި އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. 13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ވަނީ ކުއްޖާ ބަލަން ހަވާލުވެ ހުރި ކުއްޖާގެ މަންމައަށް ތުހުމަތުތަކެއް ކޮށްފައެވެ. ކައިވެނި ރޫޅި ދެކުނުގެ ރަށެއްގައި ދިރިއުޅެމުން އަންނަ ކުއްޖާގެ ބައްޕަ ބުނީ، 13 އަހަރުގެ ކުއްޖާ ދިރިއުޅެނީ މާލޭގައި އިންނަ އޭނާގެ މަންމަ ކައިރީގައި ކަމަށެވެ. އެ ކުއްޖާ އެކަނި ބޭރަށް ގޮސް ހަދާކަން އެނގިފައިވާ ކަމަށާއި އެކަމަކީ ބެލެނިވެރިއާ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ. އަދި އެ ވަރުގެ ކުއްޖެއް އެކަނި ބޭރަށް ދިއުމަކީ ކުއްޖާ ބެލުމުގައި އިހުމާލު ވެފައިވާ ކަން ހާމަވާ ކަމެއް ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވާއިރު މަރާލި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ކާރަކީ ޓެކްސީއެކެވެ. އަދި ޓެކްސީ ދުއްވި މީހާ މި އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ކަން ކަށަވަރު ވެފައެއް ނުވެއެވެ. މި މައްސަލައިގައި މިހާތަނަށް ވަނީ 2 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ނެރުނު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މާރާމާރީ ހިންގުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި، ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަަރުގެ ކުއްޖާއަށް ވެސް ކޮށްފައެވެ. މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި 27 އަހަރުގެ މީހާއަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައެވެ. މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހ. އެކްސްޓްރާ ހެވަން ގެސްޓްހައުސްގައި ފިލާ ތިއްބައި ޖޫން 28، 2021 ވަނަ ދުވަހުގެ ރޭ 9:30 ގައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!