މޫސުން ގޯސް ދުވަހެއް: ރާއްޖެގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވޭ

ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރިފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށް އެ ސަރަހައްދުތައް ހިމެނޭ ގޮތަށް މޫސުމީ ސަމާލުވުމުގެ ގޮތު، ވައިޓް އެލާޓެއް މޫސުމާ ބެހޭ އިދާރާއިން (މެޓު އޮފީސް) ނެރެފި އެވެ.

މެޓް އޮފީހުން ލަފާކޮށް ސަމާލުވާން ވައިޓް އެލާޓް ވަނީ އުތުރުން ހއ. އަތޮޅުން ފެށިގެން މެދު އަތޮޅުތަކުގެ ތ. އަތޮޅާ ހަމައަށެވެ. މި ވައިޓް އެލާޓް މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު ފަހު 13:30 އަށް އޮންނާނެ އެވެ.

މޫސުން ލަފާ ކޮށްފައިވާ ގޮތުން އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަ ވާނެ އެވެ.

ދެކުނުން ލ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް މޫސުމާބެހޭ އެލާޓެއް ނެރެފައި ނުވި ނަމަވެސް މޫސުން އޮތީ ބަނަކޮށެވެ. ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މޫސުމުގައި މިހާރު އޮތީ ހުޅަނގުގެ ހަތް ވަނަ ނަކަތް “ފުނޯސް” ގެ ވިއްސާރަ އެވެ. ފުނޯސް ނަކަތަކީ ކުއްލި ކުއްލިއަށް ރޯޅި / ވައި އެނބުރޭ އަދި ވައި ގަދަ، ކަނޑު ގަދަ، ހުޅި ރާޅު އުސް ނަކަތެކެވެ. އަދި ކުއްލިއަކަށް ނަގާ އުސް ރާޅު ގިނަ، ވާރޭ ބޯކޮށް ވެހޭ ނަކަތެވެ. މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންޏާނީ ފުނޯސް ނަކަތެވެ.

މިހާރު ރާއްޖެއަށް ވިއްސާރާ ކުރާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓާއި ކޯސްޓް ގާޑާއި ޑިޒާސްޓާ އަދި ފުލުހުން ވެސް ވަނީ ސަމާލުވަން އެދިފަ އެވެ. ވިއްސާރަވެފައިވާއިރު މިދިއަ ހޮނިހޮރި ދުވަހު ވަނީ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި 24 މީހުންނާއެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް ކަނޑު މެދަށް ބިންދައިގެން ގޮސް ދެ ބުރި ދެތަން ވެފައި ވެއެވެ. އެ ހާދިސާގައި މީހުން ސަލާމަތްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!