13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ އިންޑިއާއަށް ފޮނުވާލަނީ

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ އިންޑިއާއަށް ފޮނުވާލަން ނިންމައިފި އެވެ. “ސަން”އަށް މައުލޫމާތު ދެމުން ފުލުހުން ވަނީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ ފޮނުވާލާނެކަން ކަށަވަރުކޮށްދީފަ އެވެ. “ޕޯސްޓްމޯޓަމް ހެދުމަށް 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު މާދަމާ އިންޑިއާއަށް ފޮނުވާލާ ގޮތަށް ވަނީ ހަމަޖެހިފައި.” ފުލުހުން ބުނެ އެވެ. ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސްގެ މޫދުން އެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މާދަމާ ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު ފޮނުވާލަން ނިންމާފައިވާއިރު، ފުރަތަމަ އެކަން ކުރަން ބުނި ތާރީހު ވަނީ ފަހަނައަޅައި ގޮސްފަ އެވެ. އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ފޮނުވޭނެކަމަށް ފުލުހުން ބުނީ ޖޫން 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ބުނި މުއްދަތު ފާއިތުވެގެން ދިޔަ އިރުވެސް އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވިފައެއް ނުވެއެވެ. މިކަން ލަސްވާތީ “ސަން”އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަށިގަނޑު ނުފޮނުވި ލަސްވަނީ އެކަމަކަކީ ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށް ވެފައި އެކަމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަގުތު ނަގާތީ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތާ ގުޅިގެންވެސް އުނދަގޫތަކެއް ހުރިކަމަށް ވިދާޅުވި އެވެ. 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު މިހާތަނަށް ހައްޔަރުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހަށް ބަންދުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!