އެގްރޯނެޓުން ދަނޑުވެރިންނަށް މައުލޫމާތުދޭ ސިލްސިލާ ފޯރަމެއް ފަށައިފި

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)އިން ދަނޑުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ފޯރަމެއް މިއަދު އިފްތިތާހުކޮށްފި އެވެ. އޮންލައިންކޮށް ކުރިއަށްގެންދާ އެ ފޯރަމްގެ ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު 10:30 އިން 12:15އަށް ކުރިއަށްގެންގޮސްފައިވަނީ ހއ. އަތޮޅަށެވެ. އެ ބައްދަލުވުމުގައި އެގްރޯނެޓުގެ ފަރާތުން މައުލޫމާތު ހިއްސާކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ފުޅުގެ އިތުރުން ޑިޕާޓްމަންޓުތަކުގެ ވެރިންނެވެ. ހއ. އަތޮޅު ކައުންސިލުގެ އިތުރުން އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އެ ބައްދަލުވުމުގައި ވަނީ ބައިވެރިވެފަ އެވެ. އެ ބައްދަލުވުމުގައި އެގްރޯނެޓުން ހިންގާ ކޮންޓްރެކްޓް ފާމިން ޕްރޮގްރާމާ ގުޅޭ މައުލޫމާތާއި ކައުންސިލްތަކާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންތައްތަކާއި ހުރި ފަހި ފުރުސަތުތަކުގެ އިތުރުން އެގްރޯނެޓުގެ މަސައްކަތްތައް އިންތިޒާމް ކުރެވިފައިވާ ގޮތްތަކާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އެގްރޯނެޓުން ދަނޑުވެރިންނަށް ކޮންޓްރެކްޓް ފާމިންގެ އުސޫލުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސްޓާޓްއަޕް ޕެކޭޖާ ގުޅޭ މައުލޫމާތާއި އުފައްދަން ހަމަޖެހިފައިވާ 17 ބާވަތުގެ މައުލޫމާތު ވެސް އެ ބައްދަލުވުމުގައި ވަނީ ފޯރުކޮށްދީފަ އެވެ. ބައްދަލުވުން ނިންމާލީ ބައިވެރިންނަށް ސުވާލު ކުރަން ދިން ފުރުސަތުގައި ބައިވެރިން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ގައެވެ. ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ވަނީ އެގްރޯނެޓަށް އެ އަތޮޅު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 45 ރަށެއްގައި ކޮންޓްރެކްޓް ފާމިން (އިންތިޒާމު ކުރެވިގެން ކުރެވޭ ދަނޑުވެރިކަމެއް) ތައާރުފުކޮށް، ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އެގްރޯނެޓުން ބުނީ މިހާތަނަށް 1500 އަށްވުރެ ގިނަ ދަނޑުވެރިން އެ މަޝްރޫއުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި 400 ފަރާތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް، އިތުރު 684 ފަރާތަކާއެކު އެގުރިމެންޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!