ކޮވިޝީލްޑް ވެކްސިން ސިރިންޖަށް ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޝީލްޑް ވެކްސިން ދިނީ ހެޔޮ އެދޭ ފަރާތަކުން

ކޮވިޝީލްޑުގެ ދެވަނަ ޑޯޒްގެ ވެކްސިނަކީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި އެއްޗެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ވެކްސިން ސްޓޮކް މަދުވުމާ ގުޅިގެން މިދިޔަ މެއި މަހުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލާފައި އޮތުމަށްފަހު އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން އެޗްޕީއޭއިން އިއްޔެ ވަނީ ނިންމާފައެވެ. ނަމަވެސް ވެކްސިން ލިބުނު ގޮތް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮމިޝަނަރ ފޯރ ކޮލިޓީ އެޝުއަރަންސް ތަސްލީމާ އުސްމާން މިއަދު “ސަން” އަށް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ލިބުނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެއީ ހެޔޮއެދޭ ފަރާތަކުން ސަރުކާރަށް ހަދިޔާކުރި އެއްޗެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި ލިބުނު ޑޯޒުގެ އަދަދުވެސް ހާމަކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮވިޝީލްޑް ވެކްސިން ޖަހައިދެން ފަށަން ނިންމީ ވެކްސިން ޕްރޮގުރާމަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބުނުކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކޮވިޝީލްޑަކީ ރާޢްޖޭގައި ކޮވިޑް19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިނެވެ. އަދި އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވާ ވެކްސިންވެސް މެއެވެ. ނަމަވެސް އެ ވެކްސިން އުފައްދާ އިންޑިއާގައި ކޮވިޑް19 ގެ ހާލަތު ގޯސްވެ, ވެކްސިން އިމްޕޯޓުކުރުމަށް ހުރަސްތަކާ ކުރިމަތިވުމުން ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި އެންމެންނަށް ދެވަނަ ޑޯޒް ޖަހާވަރަށް ވެކްސިން ނުލިބި އެ ވެކްސިން ޖެހުން މެދުކަނޑާލުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ވެކްސިން ފުރިހަމަ ނުކުރެވިފައެވެ. ރޭ އެޗްޕީއޭއިން ބުނީ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ފަށާނެ ކަަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން, ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޕޮއިންޓްމަންޓް ދީގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަނީއިތުރަށް ވިދާޅުވުމަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ތެރޭގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން އެޗްޕީއޭއިން މީގެ ކުރިން ނިންމި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފުރަތަމަ ޑޯޒަށްފަހު ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒް ޖެހޭނެކަމަށާއި އެގޮތަށް ހެދިދާނެކަމުގެ ލަފާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ލިބިފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!