ކައުންސިލްތަކަށް ބާރު ދޭން އިތުރު ބިލްތަކެއް މަޖިލީހަށް

ލޯކަލް ކައުންސިލްތަކަށް ބާރުތައް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އެހެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ ފަޅުރަށްރަށާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހަޅުއްވާފައިވާ ބިލެވެ.

އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި މައިގަނޑު 13 ބަދަލެއް ގެންނަން ހުށަހަޅުއްވާފައިވާއިރު ބިލްގެ ތައާރަފާއި ނަން ބަދަލުކުރުން ވެސް ހިމެނެ އެވެ.

ފަޅުރަށްރަށާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން ރިސޯޓް ހެދުން ފިޔަވާ އެހެން ކަންކަމަށް ފަޅު ރަށްތައް އެކި ބޭނުންތަކުގައި ކުއްޔަށް ދޫކުރެވޭނީ ފިޝަރީޒް މިނިސްޓްރީ އަށެވެ. އިސްލާހު ހުށަހަޅާފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ އިތުރުން ކައުންސިލް ތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ކުއްޔަށް ދޫކުރުމުގެ ބާރު ލިބޭ ގޮތަށެވެ.

ކައުންސިލްތަކަށް ބާރު ދޭން އިސްލާހު ހުށަހަޅާފައިވާ އަނެއް ދެ ގާނޫނަކީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނެވެ.

މި ދެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދެމުންދާ ބައެއް ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށެވެ. އެކަމަކު އިސްލާހު އޮތް ގޮތުން ކައުންސިލް ތަކުން ދޭނެ ހިދުމަތްތައް ކަނޑައަޅައި އަދި އެ ހިދުމަތްތަކާ ގުޅޭ ގަވައިދާ ހަދާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އިސްލާހުގައިވާ ގޮތުން އެ އިސްލާހު ފާސްވެ އަމަލުކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ގަވައިދުތައް ހަދަންޖެހެ އެވެ.

ލޯކަލް ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި ނުވަވަނަ އިސްލާހުގައިވާ ގޮތުން އެ އިސްލާހުތަކަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ކަމާ ގުޅޭ އެހެން ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކުރަންޖެހެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!