ކ. މާފުށި. އެރަށުގައި ދިރިއުޅޭ 83 ޕަސަންޓް މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި

މާފުށީގައި 83 ޕަސަންޓް މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި

ކ. މާފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން 83 ޕަސަންޓް މީހުން ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާފުށި ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ސަލްމާން ރަޝީދު ވިދާޅުވި އެރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން 2،644 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ ރަށުގައި ދިރިއުޅޭ އާބާދީގެ 98 ޕަސަންޓެވެ. ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން 731 މީހުން ޖަހާފައިވަނީ ކޮވިޝީލްޑެވެ. އަދި 1913 މީހުން ޖަހާފައިވަނީ ސިނަފާމް އެވެ.

މީގެއިތުރުން 2،163 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާފައިވާއިރު މީގެތެރެއިން 660 މީހުން ޖަހާފައިވަނީ ކޮވިޝީލްޑެވެ. އަދި 1،503 މީހުން ޖަހާފައިވަނީ ސިނަފާމް އެވެ.

މާފުށީގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފާވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.

ސަލްމާން ވިދާޅުވީ މާފުށީގައި ކޮވިޑް 19ގެ އެއްވެސް ވެކްސިނެއް ނުޖަހާ މިހާރު ތިބީ ގާތްގަނޑަކަށް 100 ވަރަކަށް މީހުން ކަމަށެވެ.

“ހަގީގަތުގައި އެއްވެސް ވެކްސިނެއް ނުޖަހާ މިތިބި މަދު ބަޔަކީ ވެކްސިން ޖެހުމަށް ބޭނުން ނުވާ މީހުން،” ސަލްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ޑޯޒް ޖަހާފައިވާ ހުރިހާ މީހުންނަށް ޖުލައި މަހުގެ ނިޔަލަށް ދެވަނަ ޑޯޒް ޖަހާ ނިންމާލެވޭނެ އެވެ. ކޮވިޑް ވެކްސިން ޕްރޮގްރާމަށް ޖުމްލަކޮށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.

މާފުށީގައި ކޮވިޑް ވެކްސިން ދެނީ ސިއްހީ މަރުކަޒުގައި އެޕޮއިންޓްމަންޓް ހަދައި ތަރުތީބަށް ބަލައިގެންނެވެ. ކޮވިޑް ރައްކާތެރިވުމަށް ސަރުކާރުން އެންމެ ފަހުން ހަރުކަށި ފިޔަވަޅުތަކެއް އެޅި ދުވަސްވަރު ވެސް މާފުށީގައި ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވެ އެވެ.

“މިކަމުގައި ސިއްހީ މަރުކަޒުންނާއި ރައްޔިތުން ކުރި ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. ރަށުގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައި މިވަނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން،” ސަލްމާން ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާކޮށްފައިވާ ރަށުގެ ގޮތުގައި ފާހަގަކުރެވޭ މާފުށިން އެންމެ ފަހުން ކޮވިޑް ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ ޖޫން 27 ވަނަ ދުވަހު އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!