އިންޓަޕޯލް ގެ ރެޑް ނޯޓިސް ނެރެފައިވާ ސީލައިފް ގެ އެމްޑީ

އަންމަޓީ ދޫކޮށްލި މައްސަލައިގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށަނީ

ގިނަ ބައެއްގެ އަތުން އެތަށް މިލިއަން ރުފިޔާ ވަގަށް ނަގާ ފިލައިގެން އުޅުނު ވ. ތިނަދޫ، ރެޑްހައުސް، މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ވަކި ޝަރުތަކާއެކު ބަންދުން ދޫކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފިއެވެ. ހައިކޯޓުން އެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދުގެ މެންދުރުފަހު 02:00 ގައެވެ. މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ބަންދުކޮށްފައި ހުއްޓާ އަންމަޓީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އަންމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ، އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ވަނީ ހަމަ އެދުވަހު ނިންމާފައެވެ. ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްގެން ރާއްޖެ ގެނެސް ދައުވާ ކުރުމުން، ދަށުކޯޓުން އޭނާ ދޫކޮށްލީއެވެ. އަންމަޓީގެ މައްޗަށް ދައުވާ ކުރަނީ އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފާ މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާތީއެވެ. އަންމަޓީއަކީ އޭރު ސީލައިފްގެ އެމްޑީއެވެ. އެތައް ބައެއްގެ ފައިސާ ވަގަށް ނަގައި ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަންމަޓީ ލަންކާއިން ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އަންމަޓީ ހައްޔަރުކޮށް ހިންގި ޝަރީއަތުގައި އޭނާ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް އަދި މުޖުތަމައަށް ނުރައްކާވާނެ ކަމުގެ ފުރުސަތު އޮތް ކަމަށާއި އޭނާ ޝަރީއަތަށް ފިލައިފާނެ ކަމުގެ ބިރު އޮތުމުން ދައުލަތުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ޝަރިއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެކަމާ ގުޅިގެން އަންމަޓީގެ ވަކީލު މުހުތާޒު މުހުސިން ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވާ މައްސަލާގައި ހުށަހަޅާފައި ވަނީ ކިތާބީ ހެކިތަކެއް ކަމަށާއި އެ މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު ނެތް ކަމަށެވެ. އޭގެ އިތުރުން ފިލައިފާނެ ކަމަށް ކުރާ ތުހުމަތު ގޯސް ކަމަށް ވަކީލު ވިދާޅުވިއެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ނުގެން ދިއުމަށް ނިންމާފައެވެ. އަދި ޝަރުތުތަކަކާ އެކު އަންމަޓީ ދޫކޮށްލައި މާލެއިން ބޭރަށް އަދި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޝަރުތު ކޮށްފައެވެ. އަންމަޓީގެ މައްޗަށް ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއެއް އުފުލާ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވީ މެއި މަހު 30 ގައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!