ކޫއްޑޫ އިން އިތުރު 20 މީހަކު ޕޮޒިޓިވް

ގއ. ކޫއްޑޫއިން ކޮވިޑް-19 އަށް އިތުރު 20 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ މީގެ ތިން ދުވަސް ކުރީން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ޕޮޒިޓިވްވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި 150 މީހުންގެ ތެރެއިން 20 މީހަކު ޕޮޒިޓިވްވީ ކޫއްޑޫ އިން ކަމަށެވެ. އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު ސިނާއީ މަސައްކަތް ހިނގާ އެ ރަށުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުންޏެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 11 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 95 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 17 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،276 މީހުންނެވެ. މިހާތަނަށް 70،723 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 20 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހާލުބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ. އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދާ ހަމައަށް 213 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!