ރާއްޖެއަށް ދަތުރު ފެށި ސްޕެއިންގެ އައިބީރިއާ އެއާލައިނުގެ ފްލައިޓު ވެލާނާ އެއާޕޯޓުގައި -- ފޮޓޯ/ އެމްއޭސީއެލް

ސްޕެއިންގެ ގައުމީ އެއާލައިން ރާއްޖެއަށް އުދުހެން ފަށައިފި

ސްޕެއިންގެ ގައުމީ އެއާލައިން “އައިބީރިއާ” އެއަލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. މިއީ އެ އެއާލައިނުގެ ތާރީހުގައިވެސް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އެ އެއާލައިނުން ދަތުރުކުރާ އިންޑިއާ ކަނޑުގެ ހަމައެކަނި މަންޒިލެވެ. މިއދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އައިބީރިއާގެ ފުރަތަމަ ފްލައިޓު އައީ ސްޕެއިންއިން 218 ފަތުރުވެރިންނާއެކުއެވެ. އައިބީރިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް A330-300 އަދި A330-200 މަރުކާގެ އެއާކްރާފްޓެވެ. އަދި އައިބީރިއާގެ މި އެއާކްރާފްޓުތަކުގައި އިކޮނޮމީ, ޕްރީމިއަމް އިކޮނޮމީ އަދި ބިޒްނަސް ކްލާސް ކެބިންތައް ހުރެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން ބުނީ އޯގަސްޓް މަސް ނިމުމާ ހަމައަށް އައިބީރިއާއިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ. އެ އެއާލައިނުގެ ފްލައިޓު ރާއްޖޭގައި ޖައްސާނީ ހޯމަ, ބުދަ އަދި ހުކުރު ދުވަހުއެވެ. އެނބުރި ސްޕެއިންއަށް ދިއުމަށް ރާއްޖެއިން ފުރާނީ ބުދަ, ހުކުރު އަދި ހުކުރު ދުވަހުއެވެ. އައިބީރިއާއިން ބުނި ގޮތުގައި ރާއްޖެއަކީ މި އަހަރުގެ ހޫނުމޫސުމުގައި އެ އެއާލައިނަށް ލިބުނު ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ. “ރާއްޖެއަކީ އައިބީރިއާގެ އެންމެ ފުރަތަމަ އިންޑިއާ ކަނޑުގެ މަންޒިލު. އަދި މިއީ ކޮވިޑް19 އިން އެންމެ ރައްކާތެރިވެސް މަންޒިލު,” އައިބީރިއާގެ ކޮމާޝަލް ނެޓްވޯކް ޑިވެލޮޕްމަންޓް އެންޑް އެލިއަންސެސް ޑިރެކްޓަރު މަރީއާ ހެސޫސް ލޯޕެޒް ސޮލާސް ވިދާޅުވިއެވެ. އައިބީރިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުއާޓް ވަނީ އެ އެއާލައިނަށް މަރުހަބާ ވިދާޅުވެފައެވެ. ރާއްޖޭގެ ފަތުރުވެިރކަން މާކެޓުކުރާ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އައިބީރިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ދެކުނު ޔޫރަޕާ އިތުރަށް ގުޅުމުގެ ރަމްޒެއް ކަމަށެވެ. “އައިބީރިއާއިން ރާއްޖެއަށް ކުރާ އިތުބާރަކީ, ރާއްޖެއަކީ މމިވަގުތު ދަތުރުކުރަން އެންމެ ރައްކާތެރި އެއް މާހައުލުކަން އިންޑަސްޓްރީން ގަބޫލުކުރާކަމުގެ އިތުރު މިސާލެއް. އަޅުގަނޑުމެން ސްޕެނިޝް މާކެޓަށް އަމާޒުކޮށްގެން މާކެޓުކުރުމުގެ ހަރަކާތްތަކެއް ހިންގަމުން މިދާ ދަނޑިވަޅުގައި, ދެކުނު ޔޫރަޕާއި ސްޕެއިންގެ ދަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިތިބީ ތައްޔާރަށް,” ތޮއްޔިބު ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!