އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ: ޒަކާތާއި ވަގުފާއި ހައްޖާ ގުޅޭ ގާނޫނުތައް ހައްދަވަން މަސައްކަތް ފައްޓަވައި ދެއްވި

ދީނާ ގުޅުންހުރި ތިން ބިލެއް އެކުލަވާލަނީ

ދީނާ ގުޅުންހުރި ތިން ބިލެއް، ޑްރާފްޓްކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އެ ތިން ބިލަކީ ހައްޖު ބިލާއި، ޒަކާތުގެ ބިލާއި އަދި ވަގުފް ބިލެވެ. މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ 200 ބިލްގެ ތެރޭގައި ވެސް މި ތިން ބިލު ހިމެނެ އެވެ.

ހައްޖު ބިލްގައި ހައްޖަށްދާ މީހުނާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރުމުގައި މިނިސްޓްރީގެ ދައުރާއި، ކޯޓާ ދޫކުރުމުގެ އުސޫލުތަކާއި، ކޯޓާ ލިބޭ ކުންފުނިތަކުން އަމަލު ކުރަން ޖެހޭ ގޮތްތަކާއި އުސޫލުތަކުގެ ގާނޫނީ އޮނިގަނޑު އެކުލަވައިލަން ހިމަނާނެ އެވެ.

ޒަކާތު ބިލުގައި ޒަކާތް ބަލައިގަތުމާއި، ބެހުމާއި، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރާނެ ކަންކަމާއި، ޒަކާތު ފައިސާ ބަލަހައްޓާނެ ގޮތުގެ އުސޫލުތަކެއް އެކަށައަޅާނެ އެވެ. އަދި ވަގުފް ބިލުގައި ވަގުފަކީ ކޮބައި ކަމާއި، ވަގުފް ކުރެވޭނެ ކަންކަމާއި، ވަގުފްގެ ގޮތުގައި ލިބޭ ތަކެއްޗާއި މުދާ ބަލަހައްޓާނެ ގޮތާއި އަމަލު ކުރަންޖެހޭނެ ގޮތްތައް ކަނޑައަޅާނެ އެވެ.

މި ބިލްތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބިލުތަކުގެ ސަބަބުން ރަށްޔިތުންތައް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ބިލުތަކުގެ ސަބަބުން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ޒަކާތާއި ހައްޖާއި އަދި ވަގުފްގެ ކަންކަމުގައި އަމަލު ކުރާނެ ގާނޫނީ އޮނިގަނޑެއް ހަމަޖެހިގެން ދާނެ ކަމަށެވެ.

“ބިލްތަކުގެ ޑްރާފްޓެއް އެކުލަވާލައި މި އަހަރުގެ ތެރޭގައި އޭޖީ އޮފީހަށް ފޮނުވުން އެއީ މިނިސްޓްރީގެ އަމާޒެއް. އެކަމަކު މި މި ބިލްތައް މަޖިލީހުގެ ތަޅުމާ ހަމައަށް ދާނީ އަންނަ އަހަރު ކަމަށް ބެލެވޭ،” މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

ހައްޖާ ބެހޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައި މިވަނީ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ލިބޭ ބައެއް ކުންފުނިތަކުން މީހުންގެ ފައިސާއަށް ހިޔާނާތްވާ ގިނަ މައްސަލަތަކެއް މާޒީގައި ހިނގާފައި ވަނިކޮށެވެ. ޒަކާތާ ބެހޭ ބިލެއް އެކުލަވައިލުމުންދާއިރު ޒަކާތު ފަންޑަށް ކޮންމެ އަހަރަކު ވެސް ލިބޭ އެތައް މިލިއަން ރުފިޔާ ހަރަދު ކުރަނީ އެންމެ އެކަށީގެންވާ ބޭނުންތަކަށް ނޫން ކަމަށް ބައެއް ކުރާ ތުހުމަތުތައް އޮއްވަ އެވެ. އަދި ވަގުފް ބިލެއް އެކުލަވައިލުމުންދާއިރު ވަގުފް ކުރުމާ ގުޅޭ ކަންކަމަކީ ރާއްޖެއަށް ވަރަށް އާ އިސްލާމިކް ކޮންސެޕްޓެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!