މެއި ހެއެއްގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އަވަސް

ހަމަލާއާ ގުޅޭ ފަސްވަނަ މީހާގެ ވަނަވަރު ހާމަކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ފަސްވަނަ މީހާގެ ވަނަވަރު ފުލުހުން ހާމަ ކޮށްފި އެވެ.

ފުލުހުން މިއަދު އަވަސްއާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު ހަމަލާއާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ ފަސްވަނަ މީހަކީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، އެވެ.

ހަމަލާއާއި ގުޅިގެން ފުލުހުން ފަސްވަނަ މީހަކު ހައްޔަރު ކޮށްފައިވާ ކަން އެންމެ ފުރަތަމަ ހާމަކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެކަމަކު އެ ދުވަހު ފުލުހުން ހައިޝަމްގެ ވަނަވަރު އާންމު ކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އެ ދުވަހު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފަސްވަނަ މީހަކު ހައްޔަރުކުރީ ހަމަލާއަށް ފަހު ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދާ ހައްޔަރުކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

“އަޅުގަނޑުމެން ކުރިންވެސް ދަންނަވާލިހެން އަޅުގަނޑުމެން ހިންގި އެ އޮޕަރޭޝަނަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ޓެރަރިޒަމްގެ ހަރަކާތްތަކާ އެއްވެސް ގުޅުމެއް އޮތްތޯ ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް. އަޅުގަނޑުމެންނަށް މިއަދުގެ މިވަގުތުގައި ދަންނަވާލަން އެނގޭ އެ އޮޕަރޭޝަން [ހަރުކަށި ފިކުރުގެ މީހުން ހޯދަން ހިންގުނު އޮޕަރޭޝަން] ތެރެއިން ހައްޔަރުކުރެވުނު ފަރާތެއް ރައީސް ނަޝީދުގެ ބޮމުގެ ހަމަލާއާއި ސީދާ ގުޅުންހުރި ކަމަށް ބެލެވޭ،” ބަޝީރު ވިދާޅުވި އެވެ.

ހައިޝަމް ހައްޔަރުކޮށް އޭނާގެ ބަންދަށް ފުލުހުން މިހާރު ވަނީ ދެވަނަ ފަހަރަށް މުއްދަތު ޖަހާފަ އެވެ. އެގޮތުން އޭނާގެ ބަންދަށް އެންމެ ފަހުން މުއްދަތު ޖަހާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ޖަހައި ދިނީ 15 ދުވަހެވެ.

ފުލުހުން ބުނާ ގޮތުގައި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށް، ވަނަވަރު އާންމުކޮށްފައިވާ ފަސް މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނެވެ.

ރައީސް ނަޝީދަށް މެއި ހައެއްގައި ދިން ހަމަލާ އާއި ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކޮށް، ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ އަނެއް ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

މީގެއިތުރުން ހަމަލާއާއި ގުޅިގެން އިތުރު މީހެއްގެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި އެ އަށް މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!