ޑރ. މުހައްމަދު އިޔާޒު ހުތުބާ ވިދާޅުވަނީ -- ފޮޓޯ: އަވަސް

އިދާރާތަކުން ބަލަމުންދާ އިޔާޒުގެ މައްސަލަ ގާތުން ބަލަން ކޮމިޓީން ނިންމައިފި

އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ބައެއް މުއައްސަސާތަކުން އިޔާޒުގެ މައްސަލަ ބަލަމުންދާތީ އެ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ގާތުން ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފި އެވެ.

އިޔާޒުގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލައިދިނުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް މި މަހުގެ 23 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު، އިޔާޒު ކުރެއްވި ޓުވީޓްގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ހިންގާ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަށް ހިތްވަރު ދީފައިވާ ކަމަށެވެ. އެހެންވެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބް މުގައްރިރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ޑރ. އިޔާޒުގެ މައްސަލަ ދައުލަތުގެ ބައެއް އިދާރާތަކުން ވެސް ބަލަމުންދާތީ އެ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޓީން ގާތުން ބެލުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ކުރައްވާފައި ނުވާތީ ކޮމިޓީން ވަނީ ޒިޔާދުގެ ހުށަހެޅުން ފާސްވީ ކަމަށް ނިންމާފަ އެވެ.

ޑރ. އިޔާޒުގެ މައްސަލަ މަޖިލީހުގެ އިތުރުން ބަލަމުން ދަނީ އޭނާ މަސައްކަތް ކުރައްވާ ގައުމީ ޔުނިވަސިޓީންނާއި އިސްލާމިކް މިނިސްޓްރީންނެވެ.

މީކާއިލް މަޖިލީހަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން އިޔާޒު ވިދާޅުވީ އަންހެނުން ކުދިން ހިތާނު ކުރުން އެއީ އިސްލާމްދީނުގައި ނެތް ކަމެއް ކަމަށް ބުނުމަކީ ދޮގެއް ކަމަށާއި އެއީ ބުނެވިގެން ވާނެ ވާހަކައެއް ނޫން ކަމަށެވެ. އިސްލާމް ދީނުގައި ފިރިހެން ކުދިން ހިތާނު ކުރުން ވާޖިބު ނަމަވެސް އަންހެން ކުދިން ހިތާނުކުރުން ވާޖިބު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

“އަޅުގަނޑު އެއްވެސް މީހެއް ކައިރީ ބުނެފައެއް ނުވާނެ އަންހެން ކުދިން ހިތާނު ކުރާށޭ ވެސް އަދި ނުކުރާށޭ ވެސް” އިޔާޒު ވިދާޅުވި އެވެ.

އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓް ކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާ އިލްމުވެރިއެކެވެ. ނަމަވެސް އޭނާ އާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި ގުޅުން ވަރަށް ގޯހެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!